އަދާލަތް ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އަދުލުވެރި ނިޒާމެއް ގާއުމްކުރެއްވުން ކަމަށާއި، އަދި އެކަން އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށް، އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، އެ ޕާޓީގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދެއްވި ޚިޠާބެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އިމްރާން ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ކުރެވިގެން ދިޔަ މަސައްކަތްތަކިގެ ތެރޭގައި އަދާލަތު ޕާތި ބައިވެރިވެފައިވަނީ އަބަދުވެސް އިސްލާހީ ހެޔޮ މަސައްކަތްތތަކުގައި ކަމަށާއި، އަދި ރާއްޖޭގައި އުފެދިގެން ދިޔަ ސަރުކާރުތަކެއް އުފެދިފައިވާނީވެސް އެ ޕާޓީގެ ބައިވެރިވުމާއި އެކުގައި ކަމަށެވެ.
“އަދާލަތު ޕާޓީ މި ހިސާބަށް ދަތުރުކޮށްފައި ވަނީ ގިނަ ގޮންޖެހުންތަކާ ހުރަސްތައް ގިރާކޮށް. އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައިވާ ފަދައިން އަދާލަތު ޕާޓީއާއެކު ނުވަތަ އޭގެ ފަހުން ވެސް އުފެދުނު އެތައް ޕާޓީތަކެއް އުވިގެން ދިޔަ އިރުވެސް އަދާލަތު ޕާޓީ ވަރަށް ސާބިތުކަމާއެކު މި ހިސާބަށް ދަތުރުކުރީ ވަރަށް ހިތްވަރާ ސާބިތު ކަމާއެކު.”. އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ އެންމެ ބޮޑު އަމާޒަކީ އަދުލުވެރި ނިޒާމެއް ގާއިމުކުރުން ކަމަށާއި، އަދި ރާއްޖޭގެ އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ނިޒާމް އަދުލުވެރި ނިޒާމެއްގެ މައްޗަށް ބިނާ ކުރުމަށް އަދާލަތުން ކުރާ މަސައްކަތަކީ އޭގެ ނަތީޖާއާ ހަމައަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

