ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި ޤުރުއާން ހިތުދަސް ގައިދީންނަށް އަދަބު ލުއިކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމްގެ މެނިފެސްޓޯގައި އިސްލާމީ ޝަހުސިއްޔަތާއި ގައުމިއްޔަތު ވަރުގަދަކުރުން މައިގަނޑު ސުރުހީގެ ދަށުން އެކުލަވާލާފައިވާ ވައުދުތަކުގެ ތެރެއިން އަންނަ މި ވައުދަކީ ގައިދީންނަށް ހެޔޮ ކަމަށް މަގުދައްކައި އުފާވެރިކަމަށް ވާސިލްވުމަށް ދެވޭނެ އަގު ހުރި ފުރުސަތެއް ކަމަށް އެޕާޓީން ދެކެއެވެ.
ޖުމްހޫރީ ޕާޓީގެ މި ވައުދުގެ މުހިންމުކަން ފާހަގަކޮށް، އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވި އަދަބެއް ކަނޑައެޅުނު ނަމަވެސް، އެ އަދަބަކީ އެމީހާގެ މައްޗަށް އަނިޔާވެރިވުމުގެ ގޮތުން ކުރެވޭކަމަކަށް ވެގެން ނުވާނެ ކަމަށާއި، ގައިދީންނަށް އަދަބު ލުއިކޮށް މައާފުކުރެވޭނެ އުސޫލުތަކެއް ގާނޫންގައި ބަޔާންކޮށްފައިވާއިރު އެ ފަދަ ގާނޫނުތަކުގެ ބޭނުން ސިޔާސީ ވަކި މަންދފާއެއްގެ ހާސިލްކުރުމަށް ހިފައިގެން ނުވާނެ ކަމަށެވެ.
“ޖުމްހޫރީ ވެރިކަމެއްގައި ސިޔާސީ ބޭނުމަށް ކުށްވެރިންގެ އަދަބު މައާފުކޮށް ނުހަދާނަން. އެމީހުން އެނބުރު މުޖުތަމައަށް ގެންނާނީ ދީނީ ސުލޫކު ވަރުގަދަކޮށް އަށަގަންނުވައިގެން.”، ހައިލަމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމްގެ މެނިފެސްޓޯއަށް ބަލާއިރު، ރައްޔިތުންނަށް ފައިދާކުރާނެ ގިނަ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށާއި އެގޮތުން އެންމެ މުހިންމެ އެއް ވައުދަކީ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ނުދިނުން ކަަމށްވެސް ހައިލަމް ވިދާޅުވިއެވެ.

