މުޅި ރާއްޖެ ޤައުމީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކުރާ މަސައްކަތުގެ ދަށުން، އާރުޓީއެލް ފެރީގެ ޚިދުމަތް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ދެމުންގެންދަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން، އެންމެ ދެކުނުގެ އޮތް ޒޯން 6 ގައި ހިމެނޭ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި މިއަދު ވަނީ އެ ޚިދުމަތްދޭން ފަށާފައެވެ. މިއާއިއެކު،
ޒޯން 5ގައި ހިމެނޭ ގއ.އަދި ގދ.އަތޮޅާއި ޒޯން 6 ގައި ހިމެނޭ ފުވައްމުލައް ސިޓީއަށް ސީދާ ފެރީތައް ބޭއްވުމަށް ހައިވޭ ލިންކަކުންވަނީ ގުޅާލާފައެވެ. އެގޮތުން މިހާރު ގއ. އަތޮޅުން ފެށިގެން އައްޑޫއާއި ހަމައަށް އާރުޓީއެލް ފެރީގައި ދަތުރުކުރެވޭނެއެވެ.
ޢާއްމު އުސޫލުގެ މަތިން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާނީ ޓެސްޓް ދަތުރުތައްކަމަށް މިޚިދުމަތް ދެމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން މައުލޫމާތުދެއެވެ.
މިގޮތުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ކަސްޓަމަރުންނަށް ހިލޭ ދަތުރުކުރެވޭއިރު، މީގެ މައިގަނޑު ބޭނުމަކީ ކަސްޓަމަރުން ފެރީގެ ޝެޑިއުލަށް އަހުލުވެރިކުރުވާ، މި ޚިދުމަތް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލު ހޯދުމަށްކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީއިން ހާމަކުރި ގޮތުގައި ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ފެރީގެ ޓިކެޓް ހޯދުމަށް ކޮންމެ ރަށެއްގެ ރައްޔިތުންވެސް ގުޅާނީ އެރަށެއްގެ ކައުންސިލް އިދާރާއަށެވެ.
މީގެ އިތުރުން އަންނަ ހަފްތާއަށްފަހު ފެރީގެ ރަސްމީ ދަތުރުތައް ފެށުމުން، ޓިކެޓު ގަތުމަށް ކަސްޓަމަރުން ބޭނުންކުރަންވާނީ، އެމްޓީސީސީގެ އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އިންކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.
އެމްޓީސީސީން ބުނީ ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ދޭން ފެށިނަމަވެސް ޢުމުރުން 3 އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާގައި ރަޖިސްޓަރކޮށްފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފެރީގައި ހިލޭ ދަތުރުކުރެވޭނެކަމަށެވެ.
https://twitter.com/MTCCPlc/status/1692421431148319227?s=20
ޒޯން 5 އަދި 6 ގުޅާލުމަށާއި ޒޯން 6 ގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީން 50 މީހުންގެ ޖާގައިގެ 2 ސްޕީޑް ފެރީ ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ހަފްތާއަކު 7 ދުވަހު އަރްޓީއެލްގެ ޚިދުމަތް 2 މިރޫޓުން ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

