އިސްލާމްދީން ހިމާޔަތްކުރުމަށްޓަކާ 2005 ވަނަ އަހަރު ރާއްޖޭގެ ނަން މަޝްހޫރު ޢިލްމުވެރިން ގުޅިގެން ވުޖޫދުކުރި ޢަދާލަތު ޕާޓީއަށް މިއަދު 18 އަހަރުފުރިފައިވާއިރު އެ ޕާޓީ އުފެއްދުމުގެ އަސްލު މަޤްޞަދު ޙާޞިލް ނުވުމުން ޢަދާލަތު ޕާޓީއަށް އެތައް ޚިދުމަތްކޮށްދެއްވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ފާރިޝް އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
ޢަދާލަތުޕާޓީއިން ވަކިވެ ވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޝެއިޚް ޒަމްޒަމް ވިދާޅުވީ މަތިވެރިވެގެންވާ އިސްލާމް ދީން ޙިމާޔަތް ކުރުމުގެ މަޤްޞަދުގައި ދީނީ ޕާޓީއެއްގެ ނަމުގައި ގިނަގުނަ ދީނީ ޢިލްމުވެރިންތަކަކާ ދީނީ ދަޢުވަތުގައި އުޅުނު ހީވާގި މުވާޠިނުންތަކަކާ އެކު އުފެދިގެން އައި ޢަދާލަތު ޕާޓީގެ ފާއިތުވި 5 އަހަރުގެ ވެރިކަމުގައި ކަންކޮށްފައިވާ ގޮތުން ޢަދާލަތު ޕާޓީގެ މިހާރުގެ ލީޑަރޝިޕް އޮތްހާ ހިނދަކު، އެޕާޓީ އުފެއްދި މަޤްޞަދު ޙާޞިލު ކުރުމުގެޤާބިލުކަމާއި ވިސްނުން ވެސް ނެތްކަން ތަޖުރިބާ ކުރެވި ކަށަވަރު ވެގެން ގޮސްފައިވާ ކަމުގައެވެ.
"ޢަދާލަތަށް 18 އަހަރު ފުރުނީއެވެ. އަޅުގަނޑު ވެސް އެޕާޓީއިން ވަކިވެ ބަރީއަވާ ގަޑި ޖެހުނީއެވެ. މަތިވެރިވެގެންވާ އިސްލާމް ދީން ޙިމާޔަތް ކުރުމުގެ މަޤްޞަދުގައި ދީނީ ޕާޓީއެއްގެ ނަމުގައި ގިނަގުނަ ދީނީ ޢިލްމުވެރިންތަކަކާ ދީނީ ދަޢުވަތުގައި އުޅުނު ހީވާގި މުވާޠިނުންތަކަކާ އެކު އުފެދިގެން އައި ޢަދާލަތު ޕާޓީގެ މި 5 އަހަރުގެ ވެރިކަމުގައި ކަންކޮށްފައިވާ ގޮތުން އަޅުގަނޑަށް ތަޖުރިބާ ކުރެވި ކަށަވަރު ވެގެން ދިޔައީ ޢަދާލަތުގެ މިހާރުގެ ލީޑަރޝިޕް އޮތްހާ ހިނދަކު، އެޕާޓީ އުފެއްދި މަޤްޞަދު ޙާޞިލު ކުރުމުގެޤާބިލުކަމާއި ވިސްނުން ވެސް ނެތް ކަމެވެ." : ޝެއިޚް ޒަމްޒަމް ފާރިޝް
މީގެ އިތުރުން ޝެއިޚް ޒަމްޒަމް ވިދާޅުވީ ޢަދާލަތު ޕާޓީގެ މިހާރުގެ ލީޑަރޝިޕް ބަދަލު ނުވާހާ ހިނދަކު ޕާޓީގެ ސަބަބުން ބާރުވެރިވާ ހަމައެކަނި ބަޔަކީ ސެކިއުލަރ މީހުންނާއި ލާދީނީ މީހުންކަމާއި، އަދި ހައްޔަރުވެ ދޫ ބަންދުވެ ނިކަމެތިވާ ބަޔަކީ ދީނީ ޢިލްމުވެރިންނާއި ދިވެހި ރައްޔިތުން ކަންސާފުކޮށް ފެންނަން އެބައޮތްކަމަށެވެ. އެހެންކަމުން މިއަދަށް ފަހު ޝެއިޚް ޒަމްޒަމް ފާރިޝް ޢަދާލަތު ޕާޓީއިން ވަކިވެވަޑައިގަންނަވަން ނިންމަވައި، އެޕާޓީގެ އެންމެހާ ކަމަކުން ބަރީޢަވެގެންވާ ކަމުގައި އިޢުލާނުކުރެއްވިއެވެ.
މިއާއިއެކު އެ ނިންމެވުމާއި ގުޅޭ ބައެއް އިތުރު ސަަބަބުތައް އެހެން ފުރުޞަތެއްގައި ހިއްސާކުރަން ޤަޞްދު ކުރައްވާ ކަމަށް ވިދާޅުވެ ޝެއިޚް ޒަމްޒަމް ފާރިޝް ވަނީ މިހާރުމިއޮތް ޢަދާލަތު ޕާޓީގެ ސަބަބުން ދިވެހި އުންމަތަށް ހެވެއް އަތުވެދާނެ ކަމުގެ ޚިޔާލީ އުންމީދުގައި ކެތްކޮށްލައިގެން ތިއްބެވި އެހެން ޢިލްމުވެރިންނާއި އަޚުންނާއި އުޚްތުން ވެސް އެފަދައިން ކަން ކުރުމަށް ވަޞިއްޔަތް ކުރައްވާފައެވެ. އެ ވަޞިއްޔަތާއިއެކު ޝެއިޚް ވިދާޅުވީ މާތްﷲ އަށްޓަކައި އެއްޗެއް ދޫކޮށްލައިފި މީހަކަށް އެއަށްވުރެ ހެޔޮ އެއްޗެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"މާތްﷲ އަށް ޓަކައި އެއްޗެއް ދޫކޮށްލައިފި މީހަކަށް އެއަށްވުރެ ހެޔޮ އެއްޗެއް ދެއްވާނެއެވެ. حسبنا الله ونعم الوكيل": ޝެއިޚް ޒަމްޒަމް ފާރިޝް

