ޙައްޖު ކޯޕަރޭޝަން ހިނގަނީ އެންމެ ރަނގަޅަކަށް ނޫންކަން ފާހަގަކުރައްވާ، އެ ކޯޕަރޭޝަން އިސްލާޙުކޮށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި 1000 ނިކަމެތިން ހިލޭ ޙައްޖަށް ފޮނުވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވައިފިއެވެ.
ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މ. މުލަކަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޙައްޖު ކޯޕަރޭޝަން ހިންގުމުގައި ހުރި މައްސަލަތަކަށް އިޝާރާތް ކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ، ޙައްޖު ކޯޕަރޭޝަނަށް ބަދަލުތަކެއް އައިސް ތަރައްޤީ ކުރެވެން ޖެހޭ ކަމަށާއި ޙައްޖު ފަންޑުން އިންވެސްޓް ކުރެވޭނެ ގޮތް ހަމަޖެހި އެ ކޯޕަރޭޝަން މާލީގޮތުން ބާރުގަދަވާން ޖެހޭނެ ކަމަށެެވެ.
”ޙައްޖު ކޯޕަރޭޝަން ހިނގަނީ އެންމެ ރަނގަޅަކަށް ނޫން. ރައްޔިތުންނަކަށް މާ ބޮޑު ފައިދާއެއް ނުކުރޭ، ޙައްޖު ކޯޕަރޭޝަން ވަރުގަދަކުރުމާއެކު ފަސް އަހަރު ތެރޭ 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވައިދޭނަން“ ޑރ.މުޢިއްޒު
އެފަދައިން ވިދާޅުވި ސަބަބަކީ އެކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމާއި، އެ ގޮތަށް އެ ކަން ކުރުމުގެ ސަބަބުން ޙައްޖަށް ދެވޭ އަގު ކުޑަ ކުރެވޭނެތީ ކަމަށްވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މިއާއިއެކު، ރާއްޖޭގައި ޙައްޖަށް ނުދެވޭ ވަރުގެ ފަޤީރުން އެބަތިބި ކަމާއި، އެހެންނަމަވެސް، އެ އިސްލާހުތައް ޙައްޖު ކޯޕަރޭޝަނަށް ގެނެވުމުން ވެރިކަމުގެ ކޮންމެ އަހަރަށް ބަހައިލައިގެން ކޮންމެ އަހަރެއްގައި 100 މީހުން ހިލޭ ޙައްޖަށް ފޮނުވައިދެވޭނެ ކަމަށް ވިދާޅުވިއެވެ.މީހުން ޙައްޖަށް ފޮނުވުމުގައި އަމިއްލަ ފައިސާއިން ޙައްޖަށް ދިއުމަށް ނުކުޅެދިފައިވާ ނިކަމެތިންނަށް އިސްކަން ދެއްވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ޤާނޫނީ ބާރުލިބިފައިވާ އިދާރާއެއް އުފައްދަވާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެެވެ. އަދި އޭގެ ސަބަބުން، ޒަކާތު ފަންޑު ވަރުގަދަކުރެވި، ޒަކާތު ފަންޑުން ޝަރީޢާ ހުއްދަދޭ އެކި ދާއިރާތަކަށް އިންވެސްޓް ކުރެވޭނެ ގޮތް މަގުފަހިވާނެ ކަމާއި އެކަމުގެ ސަބަބުން ސީދާގޮތުން ރައްޔިތުންނަށް ނަފާވާނެކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ކެމްޕެއިންގައި އަތޮޅުތަކަށް ވަޑައިގެން އެ އަތޮޅުގެ ރަށްތަކަށް މުޢިއްޒު ވަނީ ގިނަ ވަޢުދުތަކެއް ވެ ވަޑައިގަންނަވާފައެވެ.

