ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ދައުލަތުން އެފަރާތްތަކަށް މާލީ އެހިޓެރިކަން ފޯރުކޮށްދޭނެ ގޮތްތަކެއް ގާއިމްކުރައްވާނެ ކަމަށް، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް، ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވެފައިވަނީ، އިންތިހާބާއި ގުޅިގެން ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ، އަހަރެމެެންގެ ތެރެއިން ގިނަ މީހުންނަކީ ގޭގައި ތިބެ ކުދި އެކި މަސައްކަތްކޮށް އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ބައެއް ކަމަށެވެ. އެގޮތުން ކެއުން އެކި ވައްތަރުގެ ކާއެއްޗެއްސާއި، އަތްތެރިކަމުގެ މަސައްކަތްކަތްކުރާ މީހުން ގިނަކަން ފާރިސް ފާހަގަކުރެއްވިއެވެ.
އެގޮތުން މިހާރުގެ އިޤްތިސާދީ ގާނޫނުތަކާއި އޮނިގަނޑު އޮންނަގޮތުން އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަމެއް ދައުލަތުން ނުލިބޭ ކަމަށާއި އެހެންކަމުން ވިސްނުމަކީ މިފަދަ ފަރާތްތަކުން ކުރާ މަސައްކަތް ބަލައިގަނެ ދައުލަތުން އެމީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމް ކުރެއްވުން ކަމަށް ފާރިސް ވިދާޅުވިއެވެ.
” އަދި ހަމަ އެއާއެކު ވަރަށް މުހިންމު ކަމެއް އެމީހުން އެކުރާ މަސައްކަތުން އެމީހުންނަށް ބޭންކާއި ހިސާބަށް އިތުރަށް ފައިނޭންސް ހޯދޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުން. އޭގެ އިތުރުން އެމީހުން އެކުރާ މަސައްކަތުން އެލިބޭ އާމްދަނީގެ ކޮންމެވެސް ބައެއް އެމީހުން ޕެންޝަންގެ ގޮތުގައި ޖަމާކޮށް އަދި ހަމަ އެއާ އެއް މިންވަރަކަށް ދައުލަތުންވެސް ޖަމާކޮށްގެން އެމީހުންގެ މަސައްކަތުގެ އުމުރު ނިމޭއިރު އެމީހުންނަށް އެކަށީގެންވާ ޕެންޝަނެއް އެމީހުން މަސައްކަތް ކުރާ އުމުރު ހަމަވާފަހުންވެސް ލިބޭނެ ގޮތެއް އިންތިޒާމް ކުރުން” ފާރިސް ވިދާޅުވިއެވެ.

