އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ކޮންމެ ޕާޓީއަކުން މަންދޫބުންގެ ގޮތުގައި ބެހެއްޓުމަށް ހުޅުވާލި ފުރުސަތު ބުރާސްފަތި ދުވަހަށް ހަމަވިއިރު، އެންމެ ގިނަ ފޯމް ހުށަހަޅާފައިވަނީ ޕީއެންސީއިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނަިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވޯޓުލާ މަރުކަޒުތަކުގައި ކޮންމެ ޕާޓީއަކުން މަންދޫބުން ބެހެއްޓުަމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު، 1،735 އެޕްލިކޭޝަން އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ޕީއެންސީގެ 548 ފޯމް
- އެމްޑީޕީ 458 ފޯމް
- އެމްއެންޕީ 271 ފޯމް
- ޑިމޮކްރެޓްސް 241 ފޯމް
- ޖޭޕީ 217 ފޯމް
ހަބީބް ވިދާޅުވި ގޮތުގައި އިންތިހާބު އޮބްޒާވްކުރުމަށް މޮނިޓަރުންނަށް ވުމަށް އީސީއަށް ލިބިފައި ވަނީ 4،545 ފޯމެވެ. އަދި އޮބްޒާވަރުންނަށް ވުމަށް ހުށަހެޅި ފޯމުގެ އަދަދަކީ 3،609 އެކެވެ. މިއީ ހަމައެކަނި ރާއްޖެއިން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ހުށަހެޅި ފޯމުގެ އަދަދެވެ.
މި އެޕްލިކޭޝަންތަކުގެ ސައްހަކަން ކަށަވަރުކޮށް އެކްރެޑިޓްކުރުމުގެ މަަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށާއި މަންދޫބުންގެ ގޮތުގައި ހުއްދަ ދޭނީ ގާނޫނާއި ގަވައިދުގައި އެކަމަށް ކަނޑައަޅާފައިވާ ޝަރުތު ހަމަވާ މީހުންނަށް އެކަނި ކަމަށްވެސް އީސީން ހާމަކުރެއެެވެ.
މީގެ އިތުރުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޖުމުލަ 9،887 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓިޔަސް އެތަންތަނުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.

