ދިވެހިރާއްޖެ އޮތް ހާލަތު ރައްޔިތުންނަށް ނުވިސްނޭތީ ހިތަށް ވަރަށް އަސަރުކުރުވާ ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ށ. އަތޮޅުގެ ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ގައުމު މިދާ މިސްރާބުން ކަންބޮޑުވުންތަކެއް ހުރި ކަމަށާއި ނަމަވެސް ރައްޔިތުން އެކަންކަމާއިމެދު ވިސްނާނުލާތީ އަސަރުކާރާ ކަމަށެވެ.
“އެހެންނަމަވެސް، ހިތާމަކުރަންޖެހޭ ކަންތައްތަކެއް އަޅުގަނޑުމެންގެ ކުރިމަތީގަ އޮތީމަ، އެކަން ރާއްޖޭގެ ރަށްރަށުގައި ތިބި ރައްޔިތުންނަށް އެކަންކަން އިހުސާސްކުރެވޭ މިންވަރު އަޅުގަނޑުމެންނަށް އެނގިގެންދާތީ އެކަމާ ވަރަށް އަސަރުކުރޭ.”
މީގެ އިތުރުން ގާސިމް ސިފަކުރެއްވި ގޮތުގައި، ރާއްޖެ އޮތީ މިނިވަންކަމާއި އިސްތުގުލާލު ގެއްލިގެންދާ ހާލެއްގައެވެ.
އެގޮތުން ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލަ ނިންމި ގޮތާއި މެދު ސަރުކާރަށް އަމާޒުވި ފާދިކިޔުންތައް ގާސިމްވަނީ ތަކުރާރުކުރައްވާފައެވެ.
އަދި އެހީ ހުރިހާ ދިވެހިން ކަންބޮޑުވާންޖެހޭ ކަމެއްގެ ކަމުގައި ގާސިމް ވިދާޅުވިއެވެ.
“މިކަންތައްތަކާ ހެދި އަޅުގަނޑަށް ދެން ކެތްނުކުރެވުނީ. އެއް ކަންތަކަށް ވުރެ ގިނަ ކަންތައް ހައްދުފަހަނައަޅާ ދާތީ. ތަފްސީލު ނޭނގޭތީ،” އިމުގެ މައްސަލާގައި ސަރުކާރުން މޮރިޝަސް އަށް ފޮނުވި ސިޓީ ހާމަ ނުކުރާތީ އެކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމު ތަރައްގީކޮށް ކުރިއަށްގެންދެވޭނީ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓިގެން ކަމަށެވެ. އެހެންކަމުން، އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ރައްޔިތުން ވޯޓުލާން ނުކުންނައިރު، މިކަންކަމާ މެދު ފުންކޮށް ވިސްނުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.

