ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާތެއް ފުރިހަމަ ނުކޮށް އޮތުމުގެ ސަބަބުން ބަދަލެއްގެ ގޮތުގައި 1 ރުފިޔާ ނަގައިދިނުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ކޯޓުން މިގޮތަށް ހުކުމްކޮށްފައިމިވަނީ ެއމްޕީއެލްގެ ތެރެއިން ފެންމަތިވި ތެލުގެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ޝައްކު ކުރެވިގެން ވަޒީފާއިން ވަކިކުރި މުހައްމަދު އައިމަންގެ މައްސަލާގައެވެ.
އޭނާ ވަޒީފާއިން ކަނޑާލީ ފުރިހަމަ ކުރަންޖެހޭ އިޖުރާތްތައް ފުރިހަމަ ނުކޮށް ކަމަށް ބުނެ، ވަޒީފާއާއި ބެހޭ ޓްރިބިއުނަލްއަށް ހުށަހެޅުމުން، އެތަނުން ނިންމާފައިވަނީ އިޖުރާއީ އަދި މައުޟޫއީ އަދުލުވެރިކަން ގާއިމްކުރުމެއް ނެތިވެ ކަމަށެވެ.
އަދި ބަދަލުގެ ގޮތުގައި މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެމުން ދިޔަ ގާތްގަނޑަކަށް 19،000ރ. ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމި ތާރީހާ ދެމެދުގެ މުއްދަތަށް ދިނުމަށާއި އެއްކޮށް އައިމަންގެ ވަޒީފާ އަނބުރާ ރުޖޫއު ކުރުމަށްވެސް ޓްރިބިޔުނަލްއިން ވަނީ އަމުރުކޮށްފައިވެ އެވެ. އެއީ ގާތްގަނޑަކަށް 112،164ރ. އެވެ.
ޓްރިބިޔުނަލްގެ މި އަމުރާ ދެކޮޅަށް އެމްޕީއެލްއިން ހައްކޯޓްއަށް މި މައްސަލަ އިސްތިއުނާފްކުރުމަށް ހުށަހެޅުމުން، އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ނެރުއްވި ރައުޔުގައި ބުނެފައިވަނީ، ވަޒީފާއިން ވަކިކުރީ އިޖުރާއީ އަދުލުވެރިކަން ނެތް ކަމަށް ބުނެ، ކޮންމެ މައްސަލައެއްގައި ބޮޑު ބަދަލެއް ލިބޭ ގޮތަށް ޓްރައިބިއުނަލުން އަދި ކޯޓުތަކުން ނިންމުމަކީ އިންސާފުގެ ތަރާދަކުން ކިރާއިރު ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ވަޒީފާގެ ގުޅުމުގެ ސަބަބުން އުފެދޭ އަމާނާތްތެރިކަމާއި އިތުބާރު ގެއްލިފައިވާކަން ސާފުކޮށް އިނގޭ ކަމަށެވެ. އަދި ވަޒީފާ އަލުން ދެވޭ ފަދަ މީހަކަށް އޭނާ ނުވާތީ، މުސާރައާއި އިނާޔާތްތައްވެސް ނަގައިދޭން ނުފެންނަ ކަމަށްވެސް އެ ހުކުމުގައި ވެއެވެ.
“އިޖުރާއަތެއް ފުރިހަމަ ނުވެގެން ނަގައިދޭ ބަދަލު އަދުލުވެރިވުމަކީ ވަޒީފާއިން ވަކިކުރެވޭ މީހާއަށް ފައިސާގެ ގޮތުން ކޮންމެ މައްސަލައަކާ ގުޅިގެން ބައިވަރުތަކެއް ދިނުމެއް ނޫން. ބަދަލު ނަގައިދިނުމުގައި ވެސް، ކޮންމެ މައްސަލައެއް ވެސް ބަލަންވާނީ އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތަށް،” ފަނޑިޔާރުގެ ރައުޔުގައިވެ އެވެ.
މީގެ އިތުރުން، މި މައްސަލާގައި ޓްރިބިޔުނަލް އިން ނިންމި ގޮތަށް އޭނާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާތްތަކާއި ޚިލާފު ވެފައިވާ ކަމަށް ބެލި ނަމަވެސް، އޭގެ ސަބަބުން އައިމަންއަށް ސީދާ ލިބުނު ވަކި ގެއްލުމެއް ނެތް ކަމަށާއި، އެހެންކަމުން ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާތެއް ފުރިހަމަކޮށްފައި ނެތުމުގެ މައްޗަށް ބަލައި، ބަދަލުގެ ގޮތުގައި އެހާ ބޮޑު ބަދަލެއް ދޭން ފެނިވަޑައިނުގަންނަވާ ކަމަށާއި، އެހެން ކަމުން ރަމްޒީ ބަދަލެއްގެ ގޮތުން އެއް ރުފިޔާ ނަގައިދޭން ފަނޑިޔާރު ނިޔާޒު ވަނީ ކަނޑައަޅައި ހުކުމް ކޮށްފައެވެ.
ހައި ކޯޓުން މިއަދު މި މައްސަލަ ނިންމާފައިވަނީ އައިމަންއަށް ވަޒީފާ އަލުން ދޭން ނުޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމައި، ބަދަލުގެ ގޮތުގައި އެއް ރުފިޔާ އައިމަންއަށް ނަގައިދީ، އެ ހަތް ދުވަސް ތެރޭގައި ދެއްކުމަށް އެމްޕީއެލްގެ މައްޗަށް ދެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅުމަށެވެ.

