ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާ ޑރ. މުހައްމަދު މުއިއްޒުގެ ” ދިވެހީންގެ ރާއްޖެ” މެނިފެސްްޓޯ ލޯންޗުކުރެވިގެން ދިޔައިރު، ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށްވަނީ ވަށާ ޖެހޭ ހައްލެއް ގެނެސްދެއްވާނެ ކަމަށް ވައުދުވެފައެވެ. އަދި ހަމަ އެހެންމެ ކުޑަ އަދި ބޮޑު ރަށެއް އިސްތިސްނާ ނުވާ ފަދައިން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ތަރައްގީގެ މަޝްރޫއުތައް ގެނެސްދެއްވާނެ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން މުއިއްޒުގެ މެނިފެސްޓޯގެ ޗެޕްްޓަރ 4 ކަމަށްވާ ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން އަކީ މި ހުވަދު އަތޮޅަށްވެސް އޭގެން ގިނަ ގުނަ މަންފާތަކެއްކުރުވާނެ މުހިންމު ނުކުތާތަކެއް ހިމެނޭ ބައެއްކަން ފާހަގަކޮށްލަންޖެހެއެވެ.
އެގޮތުން ބަލާއިރު، މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައާއިި ބައިނަލްއަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި އައްޑޫ ސިޓީ ހިމަނައިގެން، ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި، ޞިނާޢީ މަސައްކަތްތަކާ، މަސްވެރިކަމާ، ދަނޑުވެރިކަމާ، މެރިކަލްޗަރުގެ އިތުރުން ފަތުރުވެރިކަމުގެ ވަޞީލަތްތައް ފުޅާކޮށް، ތަރައްޤީކުރުމަށް މެނިފެސްޓޯގައި ވަނި ހިމަނާފައެވެ.
މީގެއިން އެނގިގެންދަނީ މުއިއްޒު ވިދާޅުވި ފަަދައިން ކުދި އަދި ބޮޑު ރަށްތައް ތަރައްގީ ކުރުމުގައި އެއްވެސް ފަރާތެއް އިސްތިސްނާ ނުކޮށް ހަމަހަމަ ކަމާއިއެކު ކުރިއަށް ގެންދާނެ ކަމެވެ. އަދި ހަމައެހެންމެ އެއީ މާލެ ސަރަހައްދުގައި ބޮޑު ހައުސިން މަޝްރޫޢެއް ހިންގި ނަމަވެސް މާލެއަށް ތޮއްޖެހޭ މިންވަރު ކުޑަކުރުމުގެ ގޮތުން އެބޭފުޅާ ނިންމަވާފައިވާ ޚާއްޞަ ޕްލޭނެއްވެސް މެއެވެ.
އަދި ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑޫ ހިމެނޭހެން ދެކުނުގެ ތަރައްޤީގެ ޒޯނުގެ މައި ހަބެއްގެ ގޮތުގައި އައްޑޫ ކަނޑައަޅައި ބައިނަލްއަޤުވާމީ ދޮރާއްޓެއްގެ ގޮތުގައި އައްޑޫ ސިޓީ ހިމަނައިގެން ޓްރާންސްޝިޕްމެންޓު ބަނދަރާއި ސިނާއީ މަސައްކަތްތަކާއި، ދަނޑުވެރިކަމާއި މެރިކަލްޗާގެ އިތުރަށް ފަތުރުވެރިކަމުގެ ވަސީލަތްތައް ފުޅާކުރާނެ ކަމަށްވެސް އެ މެނިފެސްޓޯގައި ވެއެވެ.
އެގޮތުން، މައިގަނޑު އާބަން މަރުކަޒުގެ ގޮތުގައި މި ދެ ސަރަހައްދު ތަރައްޤީކުރާއިރު، މެދުމިނުގެ އާބަން މަރުކަޒުތަކުގެ ގޮތުގައި މާލެއިން އުތުރުގައި 3 މަރުކަޒާއި ދެކުނުގައި 4 މަރުކަޒު ތަރައްޤީކުރާނެކަމަށް އެ ޕްލޭނުގައި ބުނެއެވެ.
އަދި ހަމައެހެންމެ ރާއްޖޭގެ ރަށްރަށުގައި އާދަޔާޚިލާފަށް ތޮށްޖެހިފައިވާ ނުވަތަ މަގުތަކާއި ގޯޅިތަކާއި ގެތައް ހުރިގޮތުން ހާސްކަންބޮޑު ސަރަޙައްދުތައް ޕްލޭންކޮށް ހިތްފަސޭހަ ސަރަޙައްދުތަކަކަށް ބަދަލުކުރުމަށްޓަކައި، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފައިވާ އާރބަން ޑިވެލޮޕްމަންޓް ޓޫލެއްކަމުގައިވާ “ލޭންޑް ރީއެޖެސްޓްމަންޓް” ހިންގާ ތަންފީޒުކުރުމަށްޓަކައި، ބޭނުންވާ އެންމެހާ ޤާނޫނުތަކާއި ޤަވާއިދުތައް ހަދާ ފާސްކޮށް، ލޭންޑް ރީއެޖަސްޓްމަންޓް މަޝްރޫއުތައް ހިންުމަށްވެސް އެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
އެގޮތުން މުއިއްޒު ފާހަގަކުރި ގޮތުގައި ވަކި ވަކި އާއިލާތަކަށް އިސްކަންދީގެން، އެބައެއް ބޭނުންނާ ގޮތަކަށް ގެ ހަދައިދިނުމަށް ސަރުކާރު ތެރެއިން އެފަދަ ފަރާތްތަތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން އެކަމަށް ހާއްސަކޮށް، އަލަށް ބޯހިޔާވަހިކަން ބޭނުންވާ މީހުން ދެނެގަނެ ފޯމު ލުމެއް ނެތި އެމީހުންނަށް ގެދޮރު ފޯރުކޮށްދޭނެ ނިޒާމްއެއް ގާއިމްކުރެވިގެން ދާނެއެވެ.
އަދި ހަމައެހެންމެ، ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ މަޢާފުކޮށްދިނުމާއި އެކު، ގެދޮރުވެރިކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ޤާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރުމަށް މުހިންމު އިސްކަމެއް ދޭނޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މާލެއާއި އަތޮޅު ތެރޭގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި ގުޅޭ ގިނަ ވައުދުތަކެއް ޑރ.މުޢިއްޒުގެ މެނިފެސްޓޯގެ “ގެދޮރުވެރިކަމާއި އާބަނައިޒޭޝަން” ޗެޕްޓަރުގައި ހިމެނިފައިވެއެވެ.

