ރާއްޖޭގެ ރައްތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އާބަން މަރުކަޒުތައް ޤާއިމުކުރުމާއެކު، ރައްޔިތުންގެ ދިރިއުޅުން ލުއި ފަސޭހަކުރެއްވުމަށް ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާނެ “އާބަނައިޒޭޝަން” ސިޔާސަތު ވަނީ އިއުލާންކުރައްވާފައެވެ.
އެގޮތުން، ރާއްޖޭގައި އާދަޔާ ޚިލާފަށް ތޮއްޖެހުން ބޮޑެތި ރަށްތަކުގެ މަގުތަކާއި ގެތައް ހުރިގޮތުން ހާސްކަން ބޮޑު ސަރަހައްދުތައް ވަކިން ޕްލޭންކުރުމާއި އެކު، އެތަންތަން ހިތްފަސޭހަ ސަރަހައްދުތަކަށް ބަދަލުކުރުމަކީ އެބޭފުލާގެ މެނިފެސްޓޯގައި ހިމަނާފައިވާ މުހިންމު އެއް ކަމެވެ.
މިކަމަށް ބޭނުންކުރައްވާނެ ޓޫލަކީ ދުނިޔޭގެ ތަރައްޤީވެ ކުރިއަރާފައިވާ ޤައުމުތަކުގައި އެކަމަށް ބޭނުންކުރާ ޚާއްޞަ ޓޫލެއްކަމަށްވާ “ލޭންޑް ރިއެޖެސްޓްމެންޓު” ހިންގައި ތަންފީޒުކުރުމަށް ބޭނުންވާ ހުރިހާ ޤާނޫނުތަކާއި ޤަވާއިދުތައް ފާސްކޮށް ލޭންޑް ރިއެޖެސްމެންޓު މަޝްރޫޢުތައް ހިންގާނެކަމުގައިވެސް އެ މެނިފެސްޓޯގައި ބުނެފައިވެއެވެ.
މީގެ އިތުރަށް ސިޓީގެ ގޮތުގައި ތަރައްޤީކުރެވޭ ތަންތަނުގައި އީ-ބައިކް ނިޒާމެއް ތައާރަފުކުރެވި، އެ ނިޒާމާއެކު މަގު ބޭނުންކުރުމަށް ޚާއްޞަ ޑިޖިޓަލް ޕްލެޓުފޯމެއްވެސް ވުޖޫދުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ހަމައެހެންމެ އަތޮޅު ތެރޭގައި ގެދޮރު ނެތުމުގެ މައްސަލަ ދިމާވެފައިވާ ރައްޔިތުންނަށް ގެދޮރު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ޕްރޮގުރާމެއް ހިންގަވައި އެކަމަށް ސަރުކާރުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި ރައްޔިތުން ބޭނުންފުޅު ވާނެ ފަދަ ގޮތަށް ހާސްވުމެއްނެތިވެ ގެދޮރު އަޅައި ދިރިއުޅުން އާރާނސްތުކުރެވޭނެ ކަމަށް ވެސް މެނިފެސްޓޯގައި ވެއެވެ.
މީގެ އިތުރުން މި ޕްރޮގުރާމުގެ ދަށުން މިހާރުން މިހާރަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ ރައްތަށް ދެނެގަނެ އެ ރަށްތަކަށް ޚާއްޞަކޮށްގެން ގެދޮރު އިމާރާތްކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގުމަށް ވަނި ކަނޑައަޅާފައެވެ. އެ މަޝްރޫޢުގެ ދަށުން ފުލެޓު ނުވަތަ ރޯ ހައުސް އެ ރަށަކާއި ބިމުގެ ވަސީލަތް ހުރި މިންވަރަށް ރިއާޔަތްކޮށްގެން ބިނާކުރެވޭނެއެވެ.
ޑރ.މުޢިއްޒުގެ އާބަނައިޒޭޝަން ސިޔާސަތު ބައްޓަންކުރައްވާފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނު ތަރައްޤީކުރައްވައި އެ ސަރަހައްދުތަކުގައި އާބަން މަރުކަޒުތައް ޤާއިމުކުރެއްވުމުގެ މައްޗަށެވެ. އެގޮތުން އުތުރުގައި ކުޅުދުއްފުށި މައި މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރާއިރު، ދެކުނުގައި އައްޑޫ މައި މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރާނެއެވެ.

