އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މިހާރު ފަށާފައިވާ ކެމްޕެއިނާ ދިމާކޮށް، ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ނަހަމަ ގޮތުގައި ބޭނުންކުރާ ކަން ފާހަގަވާ ކަމަށެވެ.
އެކަމުގެ ސަބަބުން، އަނެއް ހަތް ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ގެއްލިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
މި އަމަލުތަކުގެ ސަބަބުން އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނެތްއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ދަތުރުފުޅުތަކުގައި ރަސްމީ މަސައްކަތްތައް ކުރެއްވުމާ މެދު ވެސް އެ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ މަސައްކަތްތަކާއި މަސްއޫލިއްޔަތުތަކާއި ކެމްޕޭނު ކުރެއްވުމާ ދެމެދު އޮތް ފަރަގު ދެނެގަންނަން އުނދަގޫވާކަމަށް ބަޔާނުގައިވެއެވެ. އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކާއި އިޖުތިމާއީ ސިޔާސަތުތަކުގެ ވައުދުތައް ރައީސް ވެވަޑައިގަންނަވަނީ އެކަމާ ގުޅޭ ދުރުރާސްތާގެ ޕްލޭނެއް ނޫނީ ވިސްނުމަކަށް ވެސް ހާމަނުކުރައްވާ ކަމަށް ޓްރާންސްޕޭރަންސީން ބުންޏެވެ.
އެހެންކަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ގޮވާލައި، އެ ކަންކަމަށް އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ގާތުން ބަލައި، ފާރަވެރިވުމަށް ޓްރާންސްޕޭރެންސީން އިލްތިމާސް ކުރެ އެވެ.

