އެމްޑީޕީން މިއަދު ވަކިވެވަޑައިގެންނެވި ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
އެހެންނަމަވެސް ނަމަވެސް ސިރާޖް މުއިއްޒުއަށް ތާއީދު ކުރެއްވި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.
އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް، ސިރާޖު މިއަދު ފޮނުވި ސިޓީއެއްގައި ވިދާޅުވީ އޭނާ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވަން ބޭނުން ނުވާތީ ޕާޓީގެ ދަފްތަރުން ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ފެކްޝަން އުފެދިގެން އައިއިރު ސިރާޖު ހުންނެވީ ސަރުކާރާ ދެކޮޅަށް ނަޝީދު ފަހަތުގަ އެވެ.
އެކަމަކު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތެރޭގައި އޭނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ހުންނެވި ނަމަވެސް ކެމްޕެއިންގެ ތެރޭގަ އާއި މަޖިލީހުގައި އޭނާ ހުންނަވަނީ ހިމޭނުންނެވެ. ނަމަވެސް ފަހަކަށް އައިސް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެވެ.
ދާދި ފަހުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރް އަބްދުލްލަތީފް ވަނީ ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

