އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަުގައި ވާދަކުރުމަށް ނިންމެވީ، އަމިއްލަ އެދުމެއް ނެތި، ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދެއްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލިޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ހދ. ކުރުނބީއަށް ވަޑައިގެން ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ބޭނުންވަނީ ރައްޔިތުންގެ ހިތްތަކުގައި ވާ އެދުންތަކާއި އުންމީދުތައް އާލާކޮށް ރޯޝަންކުރެއްވުމަށް ކަމަށެވެ.
އެގޮތުން ގާސިމް ވިދާޅުވީ، ކޮންމެ ސަރުކާރެއް އައި ނަމަވެސް ކޮށްދެވޭ ކަންތައްތަކާއި ކޮށް ނުދެވޭ ކަންތައްތައް ހުންނާނެ ކަމަށާއި، އެގޮތުން ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ދެނެގަނެ، ރާއްޖެ ހުރިހާ ގޮތަކުންވެސް އަމާން ބަދަރަކަަށް ގެންދިޔުމަކީ ބޭނުންފުޅުވާ ގޮތް ކަމަށެވެ.
އަދި މިހުރިހާ ކަމަކާއި އެކު އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ، ކާބަފައިން ގެނެސްދިން އަމާން ރާއްޖެ އޮމާން ގައުމެއްގެ ގޮތުގައި ދެމިގެން ދިޔުން ކަމަށާއި، އަޅުވެތި ކަމެއްގެ ތެރޭ އޮވެ، އެއްވެސް ގައުމަކަށް އިގްތިސާދީ ގޮތުންނާއި އަދި އިޖުތިމާއީ ގޮތުން، އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާ އިރު، އެ ހުރިހާ ފަރާތްތަކުންވެސް ގެންދަނީ ކެމްޕެއިންގެ ހަރަކާތްތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަޑައިގެން، ރައްޔިތުންނަށް ކޮށްދޭނެ އެތައް ކަމެއް ހާމަކުރައްވަމުންނެވެ.

