ސްކޫލުތަކުގައި މޫނުބުރުގާ އަޅައިން ކިޔަވައި ދިނުން މަނާކުރި އުސޫލު ބަދަލުކޮށް، ޓީޗަރުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދެވޭ ގޮތަށް މިއަދު އުސޫލަށް ބަދަލު ގެނެސްފިއެވެ.
މިފަހުން ނެރުނު ޓީޗަރުން ސުލޫކީ މިންގަނޑުގައި ކިޔަވައިދޭ އިރު ޓީޗަރުން ތިބެންޖެހެނީ ކާކުކަން އިނގޭ ގޮތަށެވެ. އެގޮތުގެ މަތިން، މޫނު ބުރުގާ އަޅައިން ކިޔަވައިދެވޭ ގޮތް އޮތީ ބަންދުވެފައެވެ.
ނަމަވެސް މިއަދު، ގެނައި އިސްލާހުގައި ވާގޮތުން، ކިޔަވާ ދޭއިރު ޓީޗަރުން މޫނު ބުރުގާ ނެގުން ލާޒިމް ނުވިޔަސް، އެފަދަ ޓީޗަރުން ދަރިވަރުންނާ މުއާމަލާތު ކުރާއިރު ސްޓާފް ކާޑު އަޅަންޖެހޭނެއެވެ.
ނަމަވެސް އެ އިސްލާހުގައިވާ ގޮތުން އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް ކިޔަވާ ދޭއިރު މޫނު ހާމަކުރަން އެކަށީގެންވާ މާހައުލުތަކުގައި ކިޔަވައިދޭން ވާނީ މޫނު ބުރުގާ ނަގައިގެންނެވެ. އެކަމަކު އެ ނޫން މާހައުލުތަކުގައި އެފަދަ ކުދިންނަށް ކިޔަވާ ދޭއިރު ވެސް މޫނު ބުރުގާ އެޅިދާނެ އެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ މަގު ބަންދުވާ ގޮތަށް ފުރަތަމަ އުސޫލު ބަދަލުކުރުމާއި އެކު، ބައެއް ސުކޫލުތަކުންނާއި ބެލެނެވެރިންގެ އިތުރުން ބައެއް މުދައްރިސުންވެސް ވަނީ އެކަމާއި ދެކޮޅަށް އަޑުއުފުލާ ޝުއޫރުތައް ފާޅުކޮށްފައެވެ.

