ކާބަފައިންގެ ޒަމާނުއްސުރެން ފެށިގެން އަހަރެމެން ދިވެހިން މަޝްހޫރުވެފައިވަނީ، އެއްބައިވަންތަ ކަމާއި އެކުވެރި ކަމާއި އެކު ގުޅުންތައް ވަރުގަދަ ބައެއް ގޮތުގައެވެ. މުޅި ދުނިޔެއަށް މަޝްހޫރު އިލްވެރިޔެއް ކަމަށްވާ އިބްނު ބަޠޫޠާގެ ފޮތް ތަކުގައި ދިވެހި ރާއްޖެ އާއި ބެހޭ ގޮތުން ލިޔެފައިވާ ލިޔުންތަކުގައި މިކަންކަން ފާހަގަކޮށް ފައިވެއެވެ.
ނަމަވެސް، އަދުގެ ރާއްޖެ އޮތް ހާލަތާއި މެދު ވިސްނާލަމާތޯއެވެ. ސިޔާސީ ކުލަތަކާއި ޕާޓީތައް ރާއްޖެއަށްވެސް ތަޢާރަފްވެ، ކުރިން މި ފާހަގަކޮށްލި އެއްބައިވަންތަކާމާއި އެކުވެރިކަމަށް މިވަނީ ހިރަފުސް ބުރާފައެވެ.
ކޮންމެ މާހައުލަކަށް ނުކުތަސް އެ ނޫން ވާހަކައެއް ނީވެއެވެ. ކުޑަ މިނަށް ދަރިން ބަލާ ސްކޫލް ދޮށަށް ދިޔަ ނަމަވެސް، އިވިގެން ދާނީ ޕާޓީތަކުގެ ވިސްނުމުގައި ހިޔާލު ތަފާތުވުންތައް އުފެދި އަރާރުންވާ އަޑެވެ. އަބަދުވެސް އެއް ޕާޓީއެއްގައި ހުރި ރަނަގޅު ކަންތައްތަކުގެ ވާހަކަތަކާއި އަނެއް ޕާޓިގެ މީހުން ކުރާ ނުރަނގަޅު ކަންތައްތަކުގެ ވާހަކައެވެ. އެއްބަޔަކު އަނެއްބަޔަކަށް “ލާދީނީ” ގޮވަމުން އަނެއްބަޔަކު ޕާޓީކުރާ ވާހަކައާއި، ދީނަށް ފުރައްސާރަ ކުރާ ވާހަކައާއި މިފަދަ އެތައް އިލްޒާމް ތަކަކާއި ތުހުމަތު ތަކެއް އަޅުވަމުންދާއިރު، ގިނަ ފަހަރަށް އެފަދަ ހާލަތްތަކުގައި ދުލުން ބުނެލެވެނީ ކިހާ ވަރެއްގެ ބަސްތަކެއް ކަމެއްވެސް އެ ބުނާ މީހާއަށް އިހުސާސްއެއްވެސް ނުވެއެވެ.
ސިޔާސީ ބޭފުޅުންނާއި އެއްބައިވެ، އަމިއްލަ އާއިލާއާއި އަނބިދަރިންނާއި މައިންބަފައިންނާއި ގުޅުން ކަޑާލާ މަންޒަރު މިއަދު ފެނިގެން ދަނީ މަދުންނެއް ނޫނެވެ. އެކުވެރިކަމުގައި އެތައް އަހަރެއް ހޭދަ ކުރި ރަހުމަތްތެރިއާއި މި ގުޅުން ކަނޑާލެވެނީ، ދެމީހުން ދެ ފިކުރަކަށް ވެގެންނެވެ. އެއީވެސް އެންމެ ކަމެއްގައި ހިޔާލުތަފާތުވުންތައް ހުރެގެންނެވެ. އެއް ރަށެއްގައި އުޅެ ބޮޑެވެ، ކުޑައިރު އެކީގައި ބަތްކައްކާ ކުޅެ އުޅުނު ފަރާތްތަކާއި ޒުވާބުކޮށް މާރާމާރީ މި ހިންގާލެވެނީ ހަމަ މިފަދައިންނެވެ.
ވިސްނާކަށް ނުވޭހެއްޔެވެ. ތިމާ ތާއީދުކުރާ ޕާޓީ، ނުވަތަ ސިޔާސީ މެންބަރެއް ނުވަތަ ވަކި ފަރާތުން ކިތަންމެ ބޮޑު ކަމެއް ގޯސްކޮށް ކުރި ނަމަވެސް، ނުވަތަ ދީނާ ޚިލާފަށް ނުވަތަ މުޖުތަމައުގެ އަގު ވެއްޓޭ ފަދަ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް އަހަރެމެން މި ތިބެނީ އެއީ ތާއީދު ކުރާ މީހާއަށް ވާތީ އެކަންތައް “އޯކޭ” ކޮށްލައިގެންނެވެ. އެއްކަލަ ރަހުމަތްތެރިޔާވެސް މި ހުންނަނީ ހަމަ އެފަދައިންނެވެ. މީގެއިން އަންގައިދެނީ، އަހަރެމެން ސިޔާސީ ރޭހުގައި ނަފްސު އޮޔާ ބެހިގެން ގޮސް އެކަކު އަނެކަކާ ދިމާލަށް ގޮވާ ލެވޭ އެއްޗެއްސަކީ އެއީ ހަމަ ތިމާގެ އަމިއްލަ ނަފުސަށްވެސް ރައްދުވާ ބަސްތައް ކަމެވެ.
މުސްކުޅިން ބުނެއުޅޭހެން ތިމާގެ ގައިގައި ހުންނަ ހަޑިއެއް ނުފެންނާނެއެވެ. އަބަދުވެސް ފެނިގެން ދާނީ އަނެއްމީހާގެ ގައިގައި ހުންނަ ހަޑިއެވެ. މިއީ މިއަދު މިރާއްޖޭގެ ހާލަތެވެ. ދާދި އިހަކަށް ދުވަހުވެސް ފެނިގެން ދިޔައީ ދެ ޕާޓީއެއްގެ ސަޕޯޓަރުންގެ މެދުގައި ހީޔާލުތަފާތުވުންތަކެއް އުފެދި ހިނގި ހަމަނުޖެހުމެއްގައި ދެމީހެއްގެ ބޯ ފަޅާލި މަންޒަރެވެ. މި ދައްކަނީ އެއް ރަށެއްގެ ބަޔެއްގެ މެދުގައި ހިނގި ކަމެއްގެ ވާހަކައެވެ.
ހިޔާލުތަފާތުވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެ ހިޔާލުތަފާތު ވާހެން، އަނެކާގެ ހިޔާލަށް އިހުތިރާމްކުރަންވެސް ދަސްކުރަންޖެހެއެވެ. ސިޔާސީ ކޯޅުމާއި ކުޅިވަރުގައި ނަފްސު އޮޔާ ދިޔުމުގެ ކުރިން، ނަފްސު ހިފަހަައްޓަން ދަސްކުރަންޖެހެއެވެ.

