ތިންހާސް ލީޓަރު ފެނާއި، ކަރަންޓު ބިލުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކޮށްދެއްވާނެކަމަށް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީ ފޭދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނާޒިމް ވިދާޅުވީ ފެނާއި ކަރަންޓު ބިލު ދެއްކުމުގެ ތަނަވަސްކަން ނެތް ރައްޔިތުން އެބަތިބިކަމަށާއި އެފަދަ ފަރާތްތަކަށް ލުޔެއް ލިބެންޖެހޭކަމަަށެވެ.
އެގޮތުން އެބޭފުޅާގެ ވެރިކަމެއްގައި، ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނެކަމަށާއި، އަދި ފެން ބިލުންވެސް ފުރަތަމަ 3000 ލީޓަރު ހިލޭ ކުރުމަށް، މެނިފެސްޓޯގައި ހިމަނާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
“މި ސިޓީގައި ވެސް ފެނާއި ކަރަންޓު ބިލު ދެއްކުމުގައި ދަތިވާ ގިނަ ފަރާތްތަކެއް އެބަ ހުރި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެކަމަށް ލުއި ތަކެއް ލިބެން ޖެހޭ. އެހެންވީމަ އަޅުގަނޑުގެ މެނިފެސްޓޯގައި ލިޔެފައި އޮންނާނެ އެއަށް ލުއި ތަކެއް ގެންނަން.” ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރަށް ރާއްޖޭގެ މާލީ ދާއިރާއަށް އަލި އަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ބައިނަލްއަޤްވާމީ މާލީ މުއާމަލަތްތައް ހިންގުމުގައި ބައެއް ފަރާތްތަކަށް ދަތިތަކެއް އެބަހުރިކަމަށާއި، އެކަންކަން ޙައްލުކުރެއްވުމުގެ ގޮތުން އެމްއެންޕީގެ ސަރުކާރެއްގައި ޕޭޕަލް މެދުވެރިކޮށް ރާއްޖެއިން ބޭރުން ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ.
ތަޢުލީމީ ނިޒާމަށް އަލިއަޅުއްވާލަމުން ނާޒިމް ވިދާޅުވީ، ސްކޫލް މާޙައުލުގެ ތެރެއިން އެކިކަހަލަ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގަންނަވަންޖެހޭކަމަށެވެ. ނާޒިމް ވިދާޅުވީ ހެނދުނު ވަގުތު ދަރިވަރުން ހޭދަ ކުރަންޖެހޭނީ ކިޔެވުމުގައި ކަމަށާއި، މެންދުރުފަހުގެ ވަގުތުތައް ދަރިވަރުން ހޭދަކުރަންވާނީ، އެކްސްޓްރާ ކަރިކިޔުލަރ އެކްޓިވިޓީސްތަކުގައި ކަމަށެވެ. އެހެންކަމުން އެގޮތަށް ސްކޫލްގެ ނިޒާމް ބަދަލު ކުރައްވާނޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހޞަށް ވަގުތު ކުޑަތަންވަމުން ދާއިރު، އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ވަރަށް ފޯރީގައި އިންތިހާބުގެ ކަންކަން ދަނީ ކުރިއަށް ގެންދަމުންނެވެ.
މިއަރުގެ ރިޔާސީ އިންތިހާބަކީ، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ. އެގޮތުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ބޭފުޅުން ވާދަކުރައްވައެވެ.

