ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްއަކީ ބްރޭންޑްއެއް ކަމަށާއި، އެނަމާއި އެއްކޮށް ފެނިގެންދާނީ ލޯތްބާއި އޯގާތެރިކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް ގާސިމްގެ އިންތިހާބީ އޭޖެންޓް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާލުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން، ނ. އަތޮޅުގެ ހެބަދޫއަށް ވަޑައިގެން، ބޭއްވި ޖަލއްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުުން އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް ނިހުނގާނެ ކަަމށް ބަޔަކު ބުނަމުން އައި ދުވަސްވަރެއްގައި ގާސިމް ހިއްސާވެ، މުޅި ދުނިޔެ ދަންނަ ފަދަ ބްރޭންޑެއްގެ ގޮތުގައި ރާއްޖެ ތަޢާރަފް ކުރެއްވައި މިއަދު ފަތުރުވެރިކަމުން މި ލިބޭ ކުރިއެރުންތައް ހޯދުމުގައި އިސްކޮށް ހުންނެވީ ގާސިމް ކަމަށެވެ.
“ގާސިމް އިބްރާހިމަކީ ބްރޭންޑެއް. ނަމެއް. އެނަމާ އެއްކޮށް ފެންނަނީ އޯގާތެރިކަމާއި ދިވެހި ރައްޔިތުންދެކެވާ ލޯތްބާއި ހިދުމަތުން ފުރިގެންވާ ލާމަސީލު ނަމޫނާއެއް. އެފަދަ ބޭފުޅަކަށް ޝުކުރު އަދާކޮށްލަން ކުރެވޭނެ ކަމަކީ ސިއްރު ކަރުދާހުގައި ޖަހާލާ ވޯޓު. ރައްޔިތުންނަށް ލިބޭ ޔަގީންކަމަކީ މިއީ ކަމަށް ގާބިލު ބޭފުޅެއްކަން.”
ފަތުރުވެރިކަމުގައި ރާއްޖެ ކުރިއަށް ގެންދެވި ގާސިމްގެ މެނިފެސްޓޯގައި އެ ދާއިރާއިން ތަޖުރިބާއާއެކު އެކަށައަޅާފައިވާ ވައުދުތަކުގެ ތެރޭގައި މުޅި ރާއްޖޭގެ ސަރަހައްދުގައި 35،000 ޓޫރިސްޓް އެނދު އިތުރުކުރުމާއި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 4 މިލިއަނަށް އިތުރުކުރުމާއި، ޓޫރިޒަމުން ދައުލަތަށް ލިބޭ އާއްމުދަނީ 4 ބިލިއަން ޑޮލަރުން 7 ބިލިއަން ޑޮލަރަށް އިތުރުކުރުން ހިމެނެއެވެ.

