ކުއާޒާ އިންސްޓިޓިއުޓާއި، ގދ. ފިޔޯރީ ކައުންސިލާ ގުޅިގެން ދަގަތަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގދ. ފިޔޯރީގައި “ރައްކާތެރި އަދި ފައިދާހުރި ދަނޑުވެރިކަމެއް ކުރުން” މި ނަމުގައި ހިންގި ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޯގަސްޓު 22 ވަނަ ދުވަހުގެެ ރޭ ފިޔޯރީ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދެވެ.
ޖުމްލަ 30 ދަނޑުވެރިން ބައިވެރިވި މި ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރައްވާފައި ވަނީ 22 ފަރާތަކުންނެވެ. އެފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދު އެެވެ. މީގެ އިތުރުން މި ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކުއާޒާ އިންސްޓިޓިއުޓާއި އަދި ގދ. ފިޔޯރީ ކައުންސިލްގެ އިތުރުން ޕްރޮގްރާމްގެ ޓިއުޓަރ އަށް ހަނދާނީ ފިލާ އަރުވާފައި ވެއެވެ. އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ދަގަތަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްރައްޒާޤު ޢަލީ އެވެ. މި ޕްރޮގްރާމް ހިންގުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވި އަލްފާޟިލް މުޙައްމަދު ސަޢީދު އެވެ.
ދަނޑުވެރިންނަށް ހިންގުނު ދަނޑުވެރިކަމުގެ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ކައުންސިލުގެ ރައީސް ދެއްކެވި ވާހަކައިގައި ރާއްޖެއަކީ ޤުދުރަތީ ވެށި އޮތްގޮތުން ދަނޑުވެރިކަން ކުރުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރި ޤައުމެއް ކަމަށާއި، ބިންގަނޑު ދެރަވުމާއި، ދޭތެރެ ދޭތެރެއިން އުދަ އެރުމާއި، ގަސްގަހަށް ޖެހޭ ބަލިތައް ގިނަކަން ފާހަގަކުރެއްވިއެވެ. އަދި އެބަލިތަކަށް ދޭނެ ފަރުވާ މަދުވުމާއި، ޤުދުރަތީ އެކި ޙާދިސާތަކުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތައް އިތުރުވަމުންދާ ކަމަށް ވިދާޅުވެ، ވެށި ޙިމާޔަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.
ދަގަތަ މޯލްޑިވްސް އިން ފިޔޯރީ ކައުންސިލާ ގުޅިގެން މިހިންގި ޕްރޮގްރާމުގައި ވަރަށް ގިނަ ބަލިތަކަށް ފަރުވާކުރުމަށް އޯގަނިކު ބޭސްތައް އަމިއްލައަށް ތައްޔާރުކުރާނެ ގޮތްތަކާއި، ދަނޑުތަކަށް ކުރިމަތިވާ މައްސަލަތައް ސިންތެޓިކު ފަރުވާ އިން ޙައްލުކުރާނެ ގޮތްތައް ދަނޑުވެރިންނަށް ދަސްކޮށްދެއްވާފައި ވާތީ، ކައުންސިލުގެ ރައީސް އެކަމަށް ދަގަތަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްރައްޒާޤު ޢަލީ ލިޔުއްވާފައިވާ “ދިވެހި ދަނޑުވެރިންގެ އަތްމަތީ ފޮތް” މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޝާއިޢުކުރައްވައި ޕްރޮގްރާމުގެ ބައިވެރިންނަށް ހަދިޔާ ކޮށްފައިވާތީ، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ދަގަތަ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކައިގައި ފިޔޯރީގެ އަލައޮޅުތަކަށް ދިމާވެފައިވާ ޓަރޯ ލީފްބްލައިޓުގެ މައްސަލައާއި، ދަނޑުވެރިންނަށް ކުރިމަތިވެފައިވާ އެހެން ބައެއް މައްސަލަތަކަށް ބައްލަވައިލައްވައި، ދަނޑުވެރިންނަށް ކުރިމަތިވާ އެފަދަ މައްސަލަތައް ޙައްލުކޮށްދިނުމުގައި ފިޔޯރީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ޙަފްލާގައި ފިޔޯރީ ކައުންސިލްގެ ބައެއް މެމްބަރުންނާއި ފިޔޯރީގެ މުއައްސަސާތަކުގެ ބައެއް އިސްވެރިންނާއި އަދި އެރަށުގެ ބައެއް ކުލަބުގެ ޖަމްޢިއްޔާތަކުގެ އިސްވެރިންގެ އިތުރުން މި ޕްރޮގްްރާމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތައް ބައިވެރިވެފައި ވެއެވެ.

