ދެކުުނުގެ މަސްވެރިކަމުގެ ސިނާޢަތަށް ހެޔޮބަދަލެއް ގެނެސްދެއްވާނެ ކަމުގެ ޔަޤިންކަމާއިއެކު އައްޑޫ ސިޓީގައިހުރި ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީ އިތުރުކޮށް ފެލިވަރާއި އެއް ފެންވަރުގެ ކޭނިން ފެކްޓްރީއެއް އައްޑޫގައި ތަރައްޤީ ކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭނަށް މިހާރު އަތޮޅުތަކަށް ޑރ. މުޢިއްޒު ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޑރ މުޢިއްޒު ވިދާޅުވީ ދެކުނުގެ މަސްވެރިކަން ރަނގަޅުކޮށް، އެ ސިނާޢަތު ފުޅާކުރުމަށް މިހާރު އައްޑޫ ސިޓީގައި ޤާއިމްކޮށްފައި ހުރި ބައެއް ވަޞީލަތްތައް ތަރައްޤީކުރުމަކީ މުހިންމުކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން މިހާރު އައްޑޫ ސިޓީގައި ހުރި ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީ އިތުރުކުރުމަކީ ކުރައްވާނެ ކަމެއްކަމުގަައި ޑރ މުޢިއްޒު ވިދާޅުވިއެވެ. އަދި ފެލިވަރާއި އެއް ފެންވަރުގެ ކޭނިން ފެކްޓްރީއެއް އައްޑޫގައި ތަރައްޤީކޮށްދެއްވާނެކަމަށް ޑރ މުޢިއްޒު ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ.
ޑރ.މުޢިއްޒު ވިދާޅުވީ އެ ވަޞީލަތްތަކުގެ ސަބަބުން ދެކުނުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެމީހުންނަށް ލިބޭނެ އާމްދަނީ އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އެފަދަ ވަސީލަތްތައް އިތުރުކޮށްގެން ހަމައެކަނި ކުރިއަރާނީ މަސްވެރިކަމުގެ ސިނާޢަތް އެކަނި ނޫންކަމަށާއި، އެއީ އުފެއްދޭ އިތުރު ވަޒީފާތައްކަމަށްވެސް ޑރ މުޢިއްޒު ފާހަގަކުރެއްވިއެވެ.
އައްޑޫގައި ޤާއިމްކުރާ ކޭނިން ފެކްޓްރީއާއެކު، އެ ސިނާޢަތުގެ ތެރެއިން މަދުވެގެން 500 ވަޒީފާ އުފެދިގެންދާނެކަމަށް އަންދާޒާކުރެވޭ ކަމަށާއި، އެއީ ސަރަޙައްދީ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި ޑރ މުޢިއްޒު ސިފަކުރެއްވި އެވެ.
މީގެއިތުރުން ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން މަސްވެރިންނަށް މަސްވެރިކަމުން ލިބޭ އާމްދަނީ އާއި އުންމީދުތައް މި ފަސް އަހަރު ވަނީ މުޅިން ގެއްލިގެން ގޮސްފައިކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.
” މަސްވެރިންނަށް މަސްވެރިކަމުން ލިބޭ އާމްދަނީ އާއި އުންމީދުތައް މި ފަސް އަހަރު ވަނީ މުޅިން ގެއްލިގެން ގޮސްފައި. ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ މަސްވެރިންގެ ހައްގު މަގާމު އެ މީހުނަނށް ހޯދައިދޭން. އެކަން ކޮށްދިނުމަށްޓަކައި ބޮޑު އިސްކަމެއް ދީފައިވަނީ.“ ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ޑރ މުޢިއްޒު ވިދާޅުވީ އައްޑޫ ސިޓީ ހިމެނޭހެން ދެކުނުގެ މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރާ ވާހަކަ ދައްކާއިރު، ދެކުނުގެ ކަނޑުން މި ސަރުކާރުން ވިއްކާލި މަސްކަނޑުވެސް ދިވެހީންނަށް އަނބުރާ ހޯދަން ޖެހޭކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގައި އެކަން ވެސް ކުރައްވާނެ ކަމަށާއި، މަސްވެރިކަން ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ފާހަގަކޮށް އެކަންކަން ކުރިއަށް ގެންދާނެގޮތުގެ ޕްލޭންތައް މިހާރު އެކުލަވާލެވިފައިވާ ކަމަށް ޑރ މުޢިއްޒު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯ އިފްތިތާޙް ކޮށްފައިވާއިރު ފުރަތަމަ އިޢުލާނުކުރީ ބޯހިޔާވަހިކަމާއި ގުޅޭ ސިޔާސަތުތަކެވެ. އަދި މެނިފެސްޓޯގެ ދެވަނަ ޗެޕްޓަރ ޚާއްސަކޮށްފައިވަނީ މަސްވެރިކަމުގެ ސިނާޢަތުގެ މައްޗަށެވެ. މަސްވެރިން ބާނާ މަސް ކިލޯއެއްގެ އަގު ދަށްވެގެން 20 ރުފިޔާގައި ހިފަހައްޓާނެކަމަށް ޑރ މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާއިރު، މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށް ޑރ މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

