ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނެވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދީ މާލޭގައި ޖާގަ ތަނަވަސް ބޮޑު އިމާރާތެއް ޢަރަބިއްޔާއަށް އަޅައި ދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ށ.ކަނޑިތީމު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ޢަރަބި އިސްލާމީ ތައުލީމަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށެވެ.
ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމުދޭ އެންމެ ބޮޑު ސްކޫލަކީ އަރަބިއްޔާ ސްކޫލުކަމަށް ވާއިރު، މިފަސް އަހަރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި، ބެލެނެވެރިން އުޅެންޖެހުނީ ދާއިމީ ސްކޫލެއްނެތި އެތަން މިތަނުން ދުވުމުގައި ކަމަށެވެ.
ސަރުކާރުން ދާއިމީ ހައްލު ހޯދުމަށް ކަމަށްބުނެ ޢަރަބިއްޔާ ސްކޫލު އެޅުމަށް ނިންމި ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އަދި ޖާގައިގެ ގޮތުން މާބޮޑު ތަނަވަސްކަމެއް ނެތް ކުރީގެ ބާ ޖަމާލުއްދީން އިމާރާތް ހުރި ތާގައި ކަމަށެވެ.
މުއިއްޒު ވިދާޅުވީ މާލޭގައި އެއަށްވުރެ މާޖާގަ ބޮޑު މިއިމާރާތް އެޅޭނެ ބިންތައް އެބަހުރިކަމަށެވެ. ނަމަވެސް ސަރުކާރުގައި އެއިމާރާތް އަޅާނެ ޝައުވެރިކަމެއް ނެތްކަމަށެވެ.
އަރަބިއްޔާ ސްކޫލަށާއި، ބެލެނެވެރިންނަށް މިސަރުކާރުން ދިނީ ބޮޑު ދޯކާއެއް. މާލޭގެ އެންމެ ތޮއްޖެހުން ބޮޑު ތަނުން ޖާގަ ދިނީ. މާލޭގައި ޢަރަބި އިސްމާލް ދިނުމަށް ޢަރަބިއްޔާ ސްކޫލު ޤާއިމް ކުރުމަށް ބޮޑު ބިމެއް ހަމަޖައްސަވައި، ރަނގަޅު ފެންވަރެއްގެ އިމާރާތެއް ޤާއިމް ކޮށްދެއްވާނަން -މުއިއްޒު-
މިދިޔަ ދިރާސީ އަހަރު ނިމެންދެން އަރަބިއްޔާ ސްކޫލް ހިންގަމުން ދިޔައީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. އަދި މިއަހަރު ވަނީ އަރަބިއްޔާ ސްކޫލް ހިންގުމަށް، ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް ބަދަކުލޮށްފައެވެ.
ޗާންދަނީ މަގުގައި ހިންގަމުންދިޔަ އަރަބިއްޔާ ސްކޫލްގެ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން ބެލެނިވެރިން ކަންބޮޑުވުންތަކާއެކު އެ ސްކޫލް އެ އިމާރާތުގައި ހިންގުން ހުއްޓާލިއެވެ.

