އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ދެއްކެވި ވާހަކައިން، އެ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކީރިތި ކުރައްވައިފިއެވެ.
އިންތިހާބުގެ ކެމްޕެއިންއަށް ނ. ކެދިކުޅުދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނިހާން ވިދާޅުވީ، އިންސާނަކަށް ލިބޭނެ އެންމެ ފުރިހަމަ އެއްކަމަކީ، ފުރިހަމަ ބުއްދިއާއި ރަނގަޅު އަޚުލާގަކާއި، ދީނަށް އުޅުމުގެ އިތުރުން އެހެން މީހުންގެ މައްޗަށް ހައްމަދަރުދީވެ އިހުސާންތެރިވުން ކަމަށެވެ.
ގާސިމް އިބްރާހިމްއަކީ ޑިގްރީ އެއް ނެތް ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ދައްކަވާ ވާހަކައަށް ރައްދުދެއްވައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ދިވެހިރާއްޖެއިން ބޭރުގެ އިސްލާމީ ދަޢުލަތަކުންވަނީ އިންސާނިއްޔަތައް ޚިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ އެންމެ މަތީ، އިނާމާއި އެކުގައި، އޮނަރަރީ ޑޮކްޓަރޭޓް ގާސިމް އަށް އަރުވާފައި ކަމަށެވެ. އެގޮތުން ޑިގްރީއެއް ނެތް ނަމަވެސް ރަސްމީ ސިފައެއްގައި ގާސިމްއަށް ޑރ. ގާސިމް ކިޔޭނޭ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
މީގެ އިތުރުން ނިހާން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްއަކީ، އިލްމުގެ ގާބިލްކަން ހުރި، ވަރަށް ވަރުގަދަ ހިތެއްގެ ވެރިއެއް ކަމަށެވެ.
“ވޭތުވެދިޔަ 40 އަހަރުތެރޭ ހުއްޓުމެއް ނެތި ދިވެހި ރައްޔިތުންގެ އަޑު އެމަނިކުފާނު އަންނަނީ އައްސަވަމުން. މަދުވެގެން ދުވާލަކު 700 ލޮބުވެތި ދިވެހި ރައްޔިތުންގެ ފަސާނާ އެމަިކުފާނު އަޑުއައްސަވާނެ. “
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ގާސިމްވަނީ ރާއްޖެއަށް އެތަކެއް އާ އުސްމިންތަކެއް ގެނެސްދެއްވާ ފައިކަމަށާއި، އެބޭފުޅާއަކީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑްއެއް ކަަމަށް ނިހާންގެ ވާހަކައިގައި ވަނީ ފާޙަގަކޮށްފައެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވަރަށް ގިނަ ސިޔާސަތުގެ ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށާއި، ނަމަވެސް ގައުމަށާއި ރައްޔިތުުންނަށް އިހުތިރާމް ކުރައްވާ، ކުލުނާއި ރަހުމް ހުރި ފަރާތައް ވޯޓު ދިނުމަށް ނިހާންގެ ވާހަކަ ނިންމާލަމުންވަނީ އެދިވަޑައިގެންފައެވެ.
ނިހާންގެ ވާހަކަ ނިންމަވާލެއްވުމުން ގާސިމް އިބްރާހިމްވަނީ، ނިހާންގެ ވާހަކައަށް ޝުކުރު އަދާކޮށްފައެވެ. ނަމަވެސް، އެބޭފުޅާއަށް އިތުރަށް ވާހަކަފުޅު ދައްކަވަން އުނދަގޫވެ، ކީރިތިކުރެއްވެން ފެއްޓެވުމުން ވަނީ ވާހަކަ ދެއްކުން މެދުކަނޑާލާފައެވެ.

