ފާއިތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި އެމްޑީޕީގެ ދަފްތަރުން އުނި ކޮށްދެއްވުމަށް އެދި 200 ސިޓީ ހުށައަޅާފައިވާ ކަމަށް ދާދި ފަހުން އެޕާޓީން ވަކިވި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަކިވުމަށް އެދި ސިޓީ ހުށައަޅަމުން ސިރާޖް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ދާއިރާގެ މެޖޯރިޓީ އެމްޑީޕީއަކަށް ނުލިބޭނެ ކަމަށެވެ.
ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހަމައެކަނި ފޮނަދޫއިން 200 އެއްހާ އެމްޑީޕީގެ އާންމު މެންބަރުން ވަނީ އެޕާޓީގެ ދަފްތަރުން ވަކިވުމަށް އެދި ހުށަހަޅާފައި – ސިރާޖް-
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް، ސިރާޖު ފޮނުވި ސިޓީއެއްގައި ވިދާޅުވީ އޭނާ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވަން ބޭނުން ނުވާތީ ޕާޓީގެ ދަފްތަރުން ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ފެކްޝަން އުފެދިގެން އައިއިރު ސިރާޖު ހުންނެވީ ސަރުކާރާ ދެކޮޅަށް ނަޝީދު ފަހަތުގަ އެވެ.
އެކަމަކު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތެރޭގައި އޭނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ހުންނެވި ނަމަވެސް ކެމްޕެއިންގެ ތެރޭގަ އާއި މަޖިލީހުގައި އޭނާ ހުންނަވަނީ ހިމޭނުންނެވެ. ނަމަވެސް ފަހަކަށް އައިސް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެވެ.
އެމްޑީޕީން ވަކިވުމަށް ފަހު މޫސާ ސިރާޖްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަށް ތާއީދުކުރުމަށް ނިންމަވާފައެވެ.

