މިލަންދޫގައި އެއާޕޯޓެއް ތަރައްޤީކޮށް މިލަންދޫ ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނެސް ދެއްވާނެކަމުގެ އުފާވެރި ޚަބަރު މިލަންދޫ ރައްޔިތުންނަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ށ.އަތޮޅަށް ޑރ.މުއިއްޒު ކުރައްވަމުންދާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހަވީރު ށ.މިލަންދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް މުއިއްޒުއަށް ދަންނަވާފައެވެ.
ގިނަ އަދަދެއްގެ ބަޔަކު ބަނދަރުން މުއިއްޒުއަށް މަރުހަބާ ކިޔުމަށްފަހު ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަ ފައްޓަވަމުންވެސް މުއިއްޒު ދެއްވި ޔަގީންކަމަކީ މިލަންދޫގައި އެއާޕޯޓެއް އަޅާދެއްވާނެ ކަމުގެ އުފާވެރި ޚަބަރެވެ.
މިއާއިއެކު ޖަލްސާގައިތިއްބެވި މިލަންދޫ ރައްޔިތުންގެ ހަޅޭކުގެ އަޑާއިއެކު ހޫނު ތަރުހީބެއް ވަނީ މުއިއްޒުއަށް ދެއްވާފައެވެ.
މިލަންދޫގައި އެއާޕޯޓް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެކަން އިރާދަ ކުރެެއްވިއްޔާ ކޮށްދޭނަން. އެހެން ނަމަވެސް މިތާ ކައިރީ ރިސޯޓް ހަދާނެ ރަށެއް ނެތް. އެހެން ނަމަވެސް މިރަށް ކަރީގައި ހުރި ރަށްތަކުގައި ޓޫރިޒަމް ފުޅާކުރުމަށް އިސްކަން ދޭނަން -މުއިއްޒު-
މިޖަލްސާގައިވެސް މުއިއްޒު ވަނީ ރައީސް ޔާމީން މިނިވަން ކުރައްވާނެކަމުގެ ޔަގީންކަން ޕީޕީއެމް ޕީއެންސީގެ އާންމު މެމްބަރުންނަށް ދެއްވާފައެވެ. އެގޮތުން ވެރިކަން ލިބި މަޤާމާއި ހަވާލުވުމަށްފަހު ޤާނޫނި އިމުގެ ތެރެއިން ކުރައްވާނެ ފުރަތަމަ ކަމަކީވެސް ރައީސް ޔާމީން މިނިވަން ކުރުންކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

