މާލެ ސަރަހައްދުގައި ޕާކް ކުރާނެ ތަނެއް ނުދައްކައި އެތައް ބަޔަކު ޖޫރިމަނާކޮށްފައިވަނީ، އެއްވެސް އަދުލުވެރި ކަމެއް ނެތި ކަމަށާއި، ވެރިކަމާއި ހަވާލުވެ މިގޮތަށް ކޮށްފައިވާ ޖޫރިމަނާތައް މަޢާފްކޮށް ދެއްވާނެކަމަށްބުނެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބޮޑުހިނިތުންވުމެއް ގެނެސްދީފިއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ށ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފުނަދޫ ގައި ބޭއްވި އެޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގައި ޕާކް ކުރާނެ ތަނެއް ނުދައްކައި ޖޫރިމާނެ ނުކުރާނެ ކަމުގެ ވައުދަކީ މިސަރުކާރުން ވީ ވައުދެއް ކަމަށެވެ. ނަމަވެސް ވެރިކަމާއި ހަވާލުވެ ޕާކް ކުރާނެ ތަނެއް ނުދައްކައި، އެތައް ބަޔަކު ޖޫރިމަނާކޮށް ދަރާފައިވާކަމީ ފެންނަން އޮތް ހަގީގަތް ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިކަންކޮށްފައިވަނީ އެއްވެސް ގޮތަކަށް ިއންސާފުން ކަމަށް ގަބޫލު ނުކުރާކަމަށެވެ.
އެތައް ޒުވާނުނެއް މިހާރުވެސް ޖޫރިމާތައް ގިނަވެ ފައިސާ ދައްކާނެ ގޮތެއް އުޅޭއިރު، މިގޮތަށް އެއްވެސް އިންސާފެއްނެތި ކޮށްފައިވާ ޖޫރިމަނާތަކަށް މަޢާފް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިސަރުކާރަށް އެންމެ ގިނައިން އާމްދަނީ ލިބޭ އެއްކަމަށް ޖޫރިމަނާ ފައިސާ ހަދާފައިވަކަމީ ހިތާމަ ކުރަންޖެހޭ ކަމެއްކަމަށެވެ.
ޖޫރިމަނާ ކުރާއިރު އިންސާފުން ވީ ވައުދާއި އެއްގޮތަށް ޕާކް ކުރެވޭނެ ޖާގަ ދެއްކުމަށްފަހު އެކަން ކުރިނަމަ އެއީ ބަޔަކަށް އެއްވެސް މައްސަލައެއް ޖެއްސެން އޮންނާނެ ކަމެއް ނޫންކަމަށެވެ.
ޖޫރިމަނާ ކުރާއިރު ވީވައުދާއި އެއްގޮތަށް ފާކް ކުރާނެތަން ދެއްކި ނަމަ އެއީ ބަޔަކަށް މައްސަލަ ޖެއްސޭނެ ކަމެއްނޫން -މުއިއްޒު-
ހަމަ މިގޮތަށް މާލެ ސަރަހައްދުގައި ކާރުތައް ޕާކް ކުރުމަށް މިހާރު ސަރުކާރުން ގެންގުޅޭ އުސޫލަކީ ވަރަށް ދޯހަޅި ގޮތެއްކަން ފާހަގަކޮށް މުއިއްޒު ވަނީ މިއުސޫލަށް ބަދަލު ގެނެސް ގަރާޖު ސިޓީއަށް ސަލާން ޖަހަންޖެހޭ ޖެހުން އެއްކޮށް ނައްތާލައި މާލޭގެ ޕާކިންއަށް ދާއިމީ ހައްލު ގެނެސް ދެއްވާނެކަމަށްވެސް ވައުދުވެ ވަޑައިގެންފައެވެ.

