ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީގެ ތެރެއިން އެއްޕާޓީއަކަށް އޭނާއަކީ ކާޅެއް ކަމަށާއި، އަނެއް ޕާޓީއަށް ބާޒެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑރ.ވަހީދު ހިތާމައާއިއެކު އެވާހަތައް ހިއްސާ ކުރައްވައިފިއެވެ.
ޑރ ވަހީދު މިހެންވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ނ އަތޮޅު މަނަދޫގައި ބޭއްވި އެޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ފުރުސަތު ލިބޭނެ ކަމުގައި އުންމީދުގައި ހުރި ޑރ.ވަހީދު ވަނީ ރިޔާސީ އިންތިޚާބުގައި ޤާސިމަށް ތާއީދު ކުރައްވައި ކެމްޕޭނާއި ގުޅިވަޑައިގެންފައެވެ.
ރައީސް ވަހީދު ވަނީ އެމަނިކުފާނު ޤައުމުގެ އެވަގުތެއްގެ ހާލަތާއި ގުޅިގެން ދެއްވި ޚިދުމަތް މިއަދު ބޮޑު ދެޕާޓީއަށް ނިސްބަތްވާ ގިނަ ރައްޔިތުން ދެކޭ ގޮތާއިމެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާފައެވެ.
ޖަލްސާގަައި ވާހަކަ ދައްކަވަން ފެށްޓަވަމުން ވަހީދު ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ބައެއް ބޭފުޅުން ގަބޫލުނުކުރައްވައިފާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައްކަވާ ވާހަަކަފުޅު ގަބޫލުނުކުރާ މީހުން ނުކުރާ ސަބަބަކީ އެ ވާހަކަފުޅު ދައްކަވަނީ އެމަނިކުފާނު ކަމަށް ވާތީއެވެ.
މިހާރު އަޅުގަނޑަަށް އެކި ނަންނަން ކިޔާކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދިވެހިރާއްޖޭގައި އޮތް ބޮޑު ދެ ސިޔާސީ ޕާޓީގެ ފަރާތުން. އެއް ޕާޓީން އަޅުގަނޑަށް ކަޅު ކާޅު. އަނެއް ޕާޓީން ބާޒު، މިކަހަލަ ނަންނަން ކިޔަމުން އެ ގެންދަނީ -ޑރ ވަހީދު –
އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ބަދަލުވުމުން ކަންތައް ވީ ގޮތުގެ ހަނދާން އާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގައި އެކަން އެގޮތަށް އޮންނާތީ ކަމަށެވެ.
އެކަމަކު އެ ފަހަރު “ބޮޑު ބާގީއަކަށް ހަދައި، މުޅި ރާއްޖޭގައި ގަން ހިންގި” ކަމަށް ވެސް ވިދާޅުވިއެވެ.
ކުރިމަތިލެއްވި ހުރިހާ ކަމަކާ ވެސް ކުރިމަތިލެއްވީ ހެޔޮނިޔަތުގައި ކަމަށް ވިދާޅުވެ، އެމަނިކުފާނު ދެން ވިދާޅުވެ ދެއްވީ ޕީއެޗްޑީ ހާސިލުކުރައްވައިގެން މީގެ 37 އަހަރު ކުރިން ރާއްޖެއަށް ވަޑައިގެންނެވީއްސުރެ މިހައިތަނަށް ސިޔާސީ މައިދާނުގައި ކުރެއްވި އެކި މަސައްކަތްތަކެވެ.
އެހުރިހާ މަސައްކަތެއް ވެސް ކުރެއްވީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަންވަން ކަމަށް ވެސް ވިދާޅުވިއެވެ.

