ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމްއިން އެމްއެންޔޫއާއި ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އެމަނިކުފާނުގެ ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. ރިޔާސީ ބަހުސަކީ ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ބާއްވަމުން އަންނަ ޢާންމުންގެ މަޤްބޫލްކަން ވަރަށް ބޮޑަށް ލިބިފައިވާ ބަހުސެކެވެ.
ބަހުސްގެ ދައުވަތު ގަބޫލުކުރައްވައި މުއިއްޒުގެ ތަރުޖަމާނު ތޮލާލް ވިދާޅުވީ ބަހުސްގެ ދައުވަތު ފޮނުވި ދުވަހު ބައިވެރިވާނެކަން މުއިއްޒުގެ ފަރާތްޕުޅުން އަންގަވާފައިވާނެކަމަށެވެ.
ބަހުސްގައި ބައިވެރި ވުމަށް ދެއްވި ދައުވަތާއި ގުޅިގެން ރައީސް ޞާލިހުގެ ތަރުޖަމާން ވިދާޅުވީ ބަހުސްގައި ރައީސް ޞާލިހަށް ބައިވެރިވެވޭނީ ދަތުރުތަކަށް ފަހު ވަގުތު ތަންދޭނަމައެވެ.
ރައީސް ޞާލިހު އެންމެ ފަހުން ބޭއްވި ރިޔާސީ ބަހުސްގައިވެސް ބައިވެރި ވެފައި ނުވެއެވެ.
ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ.
ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ.
އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

