ރާއްޖެއަށް 4 ކިލޯގެ ރަން އެތެރެކުރި ދެ މީހަކު ޖޫރިމަނާކޮށް، އެ ރަންތައް ދައުލަތައް ނަގަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި ހުކުމް އައިސްފައިވަނީ އިންޑިއާގެ ދެމީހުންގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ހުކުމް އައިސްފައިވަނީ، މިދިޔަ ޖުލައި މަހު ވައިގެ މަހުން، އެ މީހުން ރާއްޖެއައި އިރު، އެތެރެއިން ލައިގެން ތިބި އެއްޗެހީގެ ތެރޭގައި ފޮރުވައިގެން 4 ކިލޯއަށްވުރެ ގިނަ ރަން ޑިކްލިއާ ނުކޮށް ވަގަށް އެތެރެކުރަން އުޅުމުންނެވެ.
މި ދެމީހުންގެ މައްޗަށްކުރި، ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ދައުވާއަށް ދެފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.
އެގޮތުން ދައުލަތާ އެކު އެ މީހުން ހެދި އިއުތިރާފް އެއްބަސްވުމުގެ ދަށުން އެއިން ކޮންމެ މީހަކަށް އިއްވީ 80،000ރ. އެވެ.
އަދި އެ އަމުރުގައިވަނީ ރަންތައް ދައުލަތައް ނެގުމަށް ބުނެފައެވެ. އަދި ޖޫރިމަނާގެ ފައިސާ ފަސް މަސް ތެރޭގައި ދައްކަން ހުކުމުގައި ވަނީ ދެ ފަރާތައް އަންގާފައެވެ.
މީގެ ކުރިންވެސް މިފަދައިން ރާއްޖެއަށް ރަން އެތެރެކުރުމަށް މަސައްކަތްކުރި ބިދޭސީން ހިފަހައްޓައި ޖޫރިމަނާކޮށް، ދައުލަތައް ރަން ނެގުމަށް އަމުރުކޮށްފައިވެއެވެ.

