ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިސްވެ ވަޑައިގެން ، މާ ގިނަ ދުވަހެއް ނުވެ ރައީސް މުހައްމަދު ނަޝީދުއަށް ވެރިކަން ގެއްލެން މެދުވެރިވި އެއް ސަބަބަކީ އެކަމުގައި ތަމްރީންއެއް ނެތިވެ އަޚުލާގިއްޔަތުކަމެއް ނެތުމުން ކަަމަށް ޖުމްހޫރީ ޕާތީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕޭނުގެ ތެރެއިން ނ. ޅޮހީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި ގޮތުގައި ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކަމަކަށް ނަޝީދު މަސައްކަތްކުރެއްވީ ގާސިމް ބޭރުކޮށްލަން ކަމަށެވެ.
ނަޝީދު ވެރިކަމަށް އައުމަށްފަހު ފުރަތަމަ އެކުލަވާލި ކެބިނެޓްގައި ގާސިމްއަށް ދިނީ ހޯމް މިނިސްޓަރ ކަމުގެ މަގާމެވެ. ނަމަވެސް އެންމެ 21 ދުވަހުގެ ތެރޭގައި ގާސިމްވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ނ. ހޮޅީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދިނޫީ، ވެރިކަން ހިންގަން ނޭގުމުން ކަމަށާއި އަދި އެކަމުގެ ކެޕޭސީޓީއެއްވެސް ނެތުމުން ކަަމަށެވެ.
"ކާކުތޯ ބަޣާވާތް ކުރީ. އޭނާ އަމިއްލައަށޭ ސުޕްރީމް ކޯޓުގައި ތަޅު އެޅުވީ. އޭނާ އަމިއްލައަށޭ ފަނޑިޔާރުން ގެންގޮސް ހައްޔަރުކުރީ ގާނޫނާ ހިލާފަށް . އަމިއްލައަށޭ ވިދާޅުވީ ޗާޓުން ބޭރުން ކަންކަން ކުރާނަމޭ. ނުކުރޭތޯ. ކަށި ނެތް ދޫ ބޭނުން ގޮތަކަށް ތެޅުވޭނޭ މުސްކުޅިން ބުނޭ ބޭނުން ގޮތަކަށް. އެއީ ތެދު ވާހަކައެކު،" ގާސިމް ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަން ވައްޓާލީ ސިފައިންނާއި ފުލުހުންނާއި އިދިކޮޅު ފަރާތްތަކުން ގުޅިގެން ހިންގި ހަރަކާތެއްގެ ތެރެއިން ފެބްރުއަރީ 7، 2012 ގަ އެވެ. އޭރު ގާސިމް ވެސް ހުންނެވީ އިދިކޮޅުގަ އެވެ. އެ ދުވަހު ފުލުހުންގެ މައި މަރުކަޒު ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ގާސިމް އާއި އެހެން އިދިކޮޅު ލީޑަރުން އުފާ ފާޅުކުރާ ވީޑިއޯއެއް ވެސް އާންމުވި އެވެ.
ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި ގާސިމް އިސް ދައުރެއް އަދާކުރެއްވި ކަމަށް އެމްޑީޕީން ތުހުމަތު ކުރެ އެވެ. އެހެން ނަމަވެސް، ގާނޫނުން ބޭރުން ވެރިކަން ބަދަލުކުރަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށް ގާސިމް އަބަދުވެސް ވިދާޅުވެ އެވެ.

