އިސްލާމް ދީނުގެ ހަމަތަކުގެ މަތިން މީހަކު ހެދުން އަޅާ ގޮތުން އޭނާއާމެދު ވަޒީފާގެ މާހައުލުގައާއި މުޖްތަމަޢުގައި ވެސް ތަފާތު ކުރެވިގެން ނުވާނެ ކަމަށާއި، ޑރ. މުޢިއްޒުގެ ވެރިކަމެއްގައި އެކަން ވިޔަ ނުދޭނެ ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މުޢިއްޒު މިފަދައިން ވިދާޅުވެފައިވާއިރު ޓީޗަރުންގެ ސުލޫކީ މިންގަނޑަށް މިސަރުކާރުން ގެނައި ބަދަލުގައި ކިޔަވައިދޭ ވަގުތު ޓީޗަރުން ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށް ކަމަށް އޮތުމުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާވުމާއެކު ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
ސަރުކާރުގެ ނިންމުމާއިގުޅިގެން މޫނު ބުރުގާ އެޅި އަންހެނުން އެކަމާއި ދެކޮޅަށް މުޒާހަރާކޮށް، ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ރިޔާސީ އިންތިޚާބަށް 15 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް މިދިޔަ އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އުސޫލު ބަދަލުކޮށް މޫނުބުރުގާ އަޅައިގެން ކިޔަވައިދެވޭ ގޮތަށް ވަނީ ހަދާފަ އެވެ.
ޑރ. މުޢިއްޒުގެ ކެމްޕޭން ޖަލްސާއެއްގައި ނ. އަތޮޅު މަނަދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މުޢިއްޒުގެ ވެރިކަމެއްގައި ރައްޔިތުންނަށް ވަޒީފާ ދިނުމައާއި، ޚިދުމަތް ކުރުމުގައި ވެސް ތަފާތު ނުކުރައްވާނެ ކަމަށެވެ. އަދި ޤާނޫނުގައި ހިމަނައިގެން ވިޔަސް، އެމީހަކު ހެދުން އަޅާ ގޮތަކީ ދީނާ ޚިލާފު ގޮތެއް ނޫންނަމަ ކުރާ ތަފާތުތައް ނައްތާލަންޖެހޭ ކަމަށް މުޢިއްޒު ވިދާޅުވި އެވެ.
”އެ ރައްޔިތަކު ހެދުން އަޅާ ގޮތް އެއީ ދީނާ ޚިލާފު ނޫން ގޮތަކަށް ދީނުގައި އޮންނަ ހަމަތަކުގެ މަތިން ކޮންމެ ގޮތަކަށް ހެދުން އެޅިޔަސް، ސްކޫލުގައި ވަޒީފާ ދިނުން ކަމުގައިވިޔަސް، އެހެން ތަނެއްގައި ވަޒީފާ ދިނުން ކަމުގައި ވިޔަސް ތަފާތު ކުރެވިގެން ނުވާނެ. މިފެންނަނީ ސިޔާސީ ބޭނުންތަކަށް އެކި ކަހަލަ ޤަވާއިދުތައް ހަދާތަން. އަޅުގަނޑުމެން ޤާނޫނެއްގައި ބަޔާން ކުރެވިގެންވެސް އިސްކަން ދޭންޖެހޭ ކަމެއް އެއީ ހެދުން އެޅޭ ގޮތަކުން އެއީ ވަކި ގޮތަކަށް ވަޒީފާއިން ވަކިކުރެވިގެންދާނެ ބަަޔަކަށް ވެގެން ނުވާނެ.“ ޑރ. މުޢިއްޒު ވިދާޅުވި އެވެ.
މިކަމަށް ޢިޝާރާތް ކުރައްވާ މުޢިއްޒުވަނީ މާލެ ސިޓީ ކައުންސިލްގެ ވަޒީފާތަކުގައި ވެސް މޫނު ބުރުގާ އެޅި ފަރާތްތަކާއި އެހެން ފަރާތްތައް ތަފާތު ނުކުރާ ކަން ފާހަގަކުރެއްވާފަ އެވެ.
”އެހެންވީމަ ހެދުން އަޅާ ގޮތަކުން ވަޒީފާއިން ވަކިވުން، ވަޒީފާގައި ތަފާތު ކުރުން އެއީކީއެއް ކުރެވިގެންވާނެ ކަމެއް ނޫން އިސްލާމީ ހަމަތަކުގެ މަތިން ކުރާނަމަ“ޑރ. މުޢިއްޒު ވިދާޅުވި އެވެ.
ޑރ.މުޢިއްޒު މިއަދު ދެއްވި ޔަޤީން ކަމަކީ އޭނާގެ ވެރިކަމެއްގައި ދީނީ ހަމަތަކުގެ ތެރެއިން ރައްޔިތަކު ބޭނުންވާ ގޮތަށް ކޮންމެ ކަމެއްވެސް ކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމެވެ.

