އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުން ކާމިޔާބު ވެވަޑައިގެންފިނަމަ، ބިދޭސީ މަސައްކަތްތެރިންގެ މިހާރު މަސައްކަތްކުރަމުންދާ ގިނަ ވަޒީފާތަކަކީ ދިވެހީންނަށް ހާއްސަ ވަޒީފާތަކެއްގެ ގޮތުގައި ހަދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ނ. ވެލިދޭއަށް ވަޑައިގެން އަރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މުއިްޒު ވިދާޅުވީ، ދިވެހި ޒުވާނުން ވަޒިފާއަށް ދިއުމަށް ބަލާއިރު ގިނަ ވަޒީފާތަކުގައި ތިބެނީ ބިދޭސީ މަސައްކަތްތެރިން ކަމަށެވެެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވީ، މި ދާއިރާގެ އިތުރުންވެސް ދިވެހިން ވަޒީފާ އަދާކުރާ ހިތްވާ ވަޒީފާތައް ހިމެނޭ އިތުރު ދާއިރާތަކުގައިވެސް ބިދޭސީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ހެއާ އެންޑް ބިއުޓީ، ރިސޯޓުތަކުގެ މިއުޒިޝަންސް، ބޭންޑްތައް، ކަސްޓަމާ ސާވިސް، ހައުސް ކީޕިން، ފްރަންޓް އޮފީސް، ހިއުމަން ރިސޯސް ޑިޕާޓްމަންޓް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
“މި ދެންނެވި ފަދަ ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަ ދާއިރާތައް ކަމުގައި ރަސްމީކޮށް ގާނޫނީ ބާރުވެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ ކަނޑައަޅައި ދޭނަން. އޭގެ ސަބަބުން ދިވެހިންނަށް އެ ވަޒީފާތައް ޔަގީންވެގެން ދާނެ”
މީގެ އިތުރުންވެސް ރާއްޖޭގެ އިސްތިސާދީ ދުވެލި މިހާރަށްވުރެ ރަނގަޅަށް ކުރިއަށް ދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

