ރިޔާސީ އިންތިޚާބުގައި ހުރިހާ ރައްޔިތުންވެސް ވީހާވެސް ހެނދުނާ ނިކުމެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ވޯޓު ދެއްވުމަށް ޕީޕީއެމްގެ ރައީސް ޔާމީން އިލްތިމާސް ކުރައްވައިފިއެވެ.
ރިޔާސީ ކެމްޕޭންގައި ތ.މަޑިފުއްޓަށް ވަޑައިގެން މަޑިފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ މިއިލްތިމާސް ރައްޔިތުންނާއި ހިއްސާ ކުރެއްވީ ޕީޕީއެމްގެ ނައިބް ރައީސް އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ޣައްސާން މައުމޫނެވެ.
ޣައްސާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި، އިސްލާމީ ވަހުދަތަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑަށް އިސްކަމެއް ދެއްވައިގެން ކަށަވަރު ކުރެއްވި ދެކަންތައް ކަމަށެވެ.
ނަމަވެސް މިހާރު މިކަންކަމާއިމެދު އެތަކެއް ސުވާލުތަކެއް އުފެދި ރައްޔިތުންގެ ކެންބޮޑުވުން އިންތިހާއަށް އޮތް މިދަނޑިވަޅުގައި މިވެރިކަން ބަދަލު ކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޤައުމީ އަދި ދީނީ ވާޖިބެއް ކަމަށެވެ.
ރައީސް ޔާމީން ތިޔަބޭފުޅުން އަރިހުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ އަންނަ މަހުގެ 9 ވަނަ ދުވަހު ހެނދުނު ހެނދުނަ ވަޑައިގެން އަޅުގަނޑުމެން އެންމެންގެ ކެންޑިޑޭޓް ކެންޑިޑޭޓް ނަންބަރު 4 ޑރ.މުއިއްޒު އަށާއި އެމަނިކުފާނުގެ ރަނިންމޭޓް ސެމްބެއަށް ވޯޓު ދެއްވާ އިންތިޚާބު ކޮށްދެއްވުމަށް. އެކަމާއި ދޭތެރޭ އަޅުގަނޑުމެންގެ އެއްވެސް ޝައްކެއް ނެތް. އިތުރު ބުރުތަކަށް ނުގޮސް އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމާއިމެދު ޝައްކެތް ނެތް -ޤައްސާާން-
ޣައްސާން ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ ވެރިކަމެއްގައި މަޑިފުއްޓަކީ ތަރައްޤީގެ މަސައްކަތުގައި އިސްކަންދޭނެ ރަށެއް ކަމަށެވެ. ވޯޓު ފޮއްޓާއި ހަމައަށް ވަަޑައިގަންނަވައިރު ރައީސް ޔާމީނާއި ތަރައްޤީގެ މަތީން ހަދުމަ ބެހެއްޓެވުމަށް ޣައްސަން ވަނީ އިލްތިމާސް ކުރައްވާފައެވެ. ޑރ.މުއިއްޒަކީ ތަރައްޤީއާއި ޤައުމުގެ ހަމަޖެހުން ގެނެސްދެވޭނެ ރައީސް ޔާމީންގެ ފަރާތްޕުޅުން ދަރިވަރުވި ބޭފުޅެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.

