ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ޑިމޮކްރެޓްސް ޕާޓީގައި އުޅުއްވުމަށްފަހު ވިސްނުން ބަދަލުކޮށް އަލުން އެމްޑީޕީއާއި ގުޅުމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ސާލިހަށް ފާޑު ވިދާޅުވެއްޖެއެވެ.
އަލުން އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ފަހު ރޭގެ ވަގުތެއްގައި ކުރި ޓްވީޓެއްގައި މެމްބަރު ޝިޔާން ވިދާޅުވީ ތޮއްޑޫ ދާއިރާ އާއި މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވިސްނުން ބަދަލުކޮށް އެމްޑީޕީއާ އަލުން ގުޅިފައިވާކަމަށެވެ. މި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަން ހާމަކޮށް ޝިޔާން ވަނީ މިއިންތިޚާބު އެއްބުރުން ރައީސް ޞާލިހު ކާމިޔާބު ކުރާނެކަމަށް ވިދާޅުވެފައެވެ.
ޝިޔާންއަކީ އެމްޑީޕީ ބައިބައިވެގެން ދިޔައިރު، ނަޝީދަށް އެންމެ ބޮޑަށް ތާއީދުކޮށް އަދި ރައީސް ސާލިހަށް އެންމެ ހުތުރުބަހުން ފާޑު ވިދާޅުވަމުން ގެންދެވި އެއް މެމްބަރެވެ.
ޝިޔާން ޑިމޮކްރެޓްސް ދޫކޮށް އެލުން އެމްޑީޕީއަށް ސޮއިކުރި ކުރުމަށް އިޝާރާތްކޮށް، ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި ތުހުމަތު ކޮށްފައިވަނީ، އެމްޑީޕީ ދޫކުރި ބައެއް މެމްބަރުން އަލުން އެމްޑީޕީއާއި ގުޅެމުން ދަނީ ރިޝްވަތު ނަގައިގެން ކަމުގައެވެ. އަދި އެއީ ދައުލަތުގެ ފައިސާއިން ކަމަށްވެސް ނަޝީދު ތުހުމަތު ކޮށްފައި ވެއެވެ.
ނަޝީދުގެ ޓުވީޓުގައި އޭނާ އިތުރަށް ވިދާޅުވެފައިވަނީ، ދައުލަތުގެ ފައިސާއިން ރިޝްވަތު ދީގެން މެމްބަރުން ގެންދިއުމުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި، އެކަމުން ރައީސް ސާލިހަށް ވާނީ ގެއްލުން ކަމުގައެވެ.
މެމްބަރު ޝިޔާންއަކީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި 12 މެމްބަރުންގެ ތެރެއިން އެއް މެމްބަރެކެވެ. އޭނާ ވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް މެމްބަރުންގެ ތެރޭގައެވެ. މި ފަހަކާ ޖެހެންދެން ވެސް ޝިޔާން ހުންނެވީ ނަޝީދާއެކުގައެވެ. އެކަމަކު، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުން ޝިޔާން ނުފެންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ޝިޔާން އެމްޑީޕީ އަށް ސޮއިކުރެއްވި އިރު، ދަ ޑިމޮކްރެޓްސްއާ އެކުގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި އެހެން ހުރިހާ މެމްބަރުން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

