ސަންގުގެ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ސަންގުން ދިން ދައުވަތު މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފިޔަވައި ހުރިހާ ކެންޑިޑޭޓުން ގަބޫލުފުޅުކުރައްވައިފިއެވެ.
ރައީސް ސޯލިހް ފިޔަވައި އެހެން ބޭފުޅުން ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަން އެންގެވުމުން، ސަންގުން ވަނީ އަނެއްކާވެސް ރައީސް ސޯލިހަށް ދައުވަތު ދެއްވައި ދެވަނަ ސިޓީއެއް ފޮނުއްވާފައެވެ.
ދައުލަތުގެ މީޑިއާއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެ ވަޑައި ގަންނަވާނީ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކަށްފަހު އެފަދަ ކަމަކަށް ވަގުތު އޮތް މިންވަރަކަށް ބެލުމަށް ފަހު ކަމަށް އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.
ރައީސް އެ ވަޑައިގަންނަވަނީ ވައުދުތަކުގެ ވާހަކަތައް ޓީވީގެ ޒަރިއްޔާއިން ގެނެސްދެއްވަމުން، އެހެންވީމަ ސީދާ ތިއަށް އެއްޗެެކޭ ދަންނަވަން އެނގޭނީ އެމަނިކުފާނުގެ ޕްރޮގްރާމުގެ ތެރެއިން ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށްފަހު ވަގުތު އޮވެއްޖިއްޔާ ހަމަ ގައިމުވެސް ތި ކަންކަމަށް ވަގުތު އޮތް މިންވަރަކުން ވަގުތު ދެއްވާނެ -މާރިޔާ-
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އޭރު އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވާ ރައީސް ސޯލިހު ބައިވެރިވެވަޑައިނުގެންނަވައެވެ.
އެއީ، އެމްއެންޔޫގެ ބަހުސްގައި އެކަނި ބައިވެރިވާން އޭރުގެ ރައީސް ޔާމީން ނިންމެވުމުން އެއީ މިނިވަކަމާ އެކު ކުރިއަށް ނުދާނެ ބަހުސް ކަމަށް ބެލުމަށް ފަހުއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، ސަންގު ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވި ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރމުހައްމަދު މުއިއްޒުއާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.
ސަންގު ބަހުސް އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފަ އެވެ.

