އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން އިންތިހާބުގައި ބައިވެރިވެލައްވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒުއަކީ، ވަޢުދުފުއްދަވާނެ ބޭފުޅެއް ކަމަށް މުއިއްޒުގެ މަންމަ ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ގެ މަންމާފުޅު ހުސްނާ އާދަމް އިސްމާއިލް މަނިކް، ވިދާޅުވީ މުއިއްޒުއަކީ، ވަރަށް ބަސްއަހާ ވަރަށް ރަނގަޅު ދަރިއެއް ކަމަށާއި، އެބޭފުޅާ ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމުން ވަރަށް އުފާވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ރަށްތަކަށް އިންތިހާބުގެ ތެރެއިން ވަޑައިގެން، ދައްކަވާ ވާހަކަފުޅުތަކުގައި، އެބޭފުޅާ އަކީ އަމަލާއި ބަހާއި ދިމާވާނެ ބޭފުޅެއްކަމަށާއި، އަދި މީގެ އިތުރުން އެ ވާ ވައުދުތައް ކޮށްދެއްވާނެ ކަމަށްވެސް ހުސްނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސެޕްޓެމްބަރ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެއްބަސް ކިޔައި، މުއިއްޒުއަށް ވޯޓު އެޅުމަށް ހުސްނާ އެދިލެއްވިއެވެ.
ވަރަށް އުފާވޭ. ހަމަ އެއްބުރުން ހޮވޭނެ ކަމަށް އުންމީދުކުރަނީ. މުޢިއްޒު ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވަޢުދުތަކަކީ، ކޮށްދެއްވާނެ ކަންތައް. މުއިއްޒު ކޮށްދޭނެ ކަމަށް ބުނެފި ކަމެއްނަމަ ކޮށްދެއްވާނެ. ފުރިހަމަ ޔަގީންކަން އެބައޮތް މުޢިއްޒުގެ އަމަލާއި ބަހާއި ދިމާވާނެ ކަމަށް. މުއިއްޒުއަކީ ވަރަށް ރަނގަޅު ދަރިއެއް.
އިންތިހާބުގެ ކެމްޕެއިންއަށް ޑރ. މުއިއްޒު މިއަދު ހުވަދޫ އަތޮޅަށް ފުރައިވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ ދަތުރުފުޅުގައި، ގދ. އަދި ގއ.ގެ ރަށްތަކަށް ވަޑައިގަންނަވާނެއެވެ.

