ރައީސް އަބްދުﷲ ޔާމީންއަކީ ޢިލްމުހުރި، ތަޢުލީމީ ޚަޒާނާއެއް ކަމަށް އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރކަން ކުރެއްވި، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ހުވަދޫ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން ފުވައްމުލަކުގައި މިރޭ ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޝަހީމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިމުގައި، އެމަނިކުފާނުގެ ކެބިނެޓްގައި އެބޭފުޅާ މަސައްކަތްކުރެއްވިއިރު، ޔާމީންގެ ފާރާތުން ފާހަގަކުރެވުނު އެއް ކަމަކީ، އެމަނިކުފާނަކީ، އެއީ ތަޖުރިބާގެ ޚަޒާނާއެއްގެ އިތުރުން، ޢިލްމުގެ ޚަޒާނާއެއް ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް އައި ތަރފައްގީގެ އިންގިލާބީ ބަދަލުތަކާއި މަޝްއޫރުތަކަކީ، އެ އިލްމާއި ޙިލްމުގެ އަލި ގަދަ ހެއްކެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެގޮތުން އިލްމު ނެތް މީހާކާއި އިލްމުހުރި މީހެއްގެވެސް ތަފާތުތަކެއް ހުންނާނެ ކަމަށާއި، އެއީ އިންސާނާގެ ބުއްދިވެސް ގަބޫލުކުރާނެ ކަމެއްކަމަށް ޝަހީމު ވިދާޅުވިއެވެ.
"ރައީސް ޔާމީންއަކީ، އެއީ ތަޖުރިބާގެ ޚަޒާނާއެއް. ޢިލްމުގެ ޚަޒާނާއެއް. ޕްރޮފެސަރެއް. އެހެން ވީމާ ގައުމުގެ ކަންތައްތައް ރަނގަޅަށް ކުރެވުނީ. ރާއްޖެއަށް ތަރައްގީ ގެނެވުނީ. އިލްމުހުރި މީހަކާއި އިލްމުނެތް މީހަކާއި ތަފާތުވާނެ. މީ ބުއްދީގެ ހަމަތަކުންވެސް ގަބޫލުކުރެވޭ ކަންތައްތައްތައް. އެހެން މީހުން ބުނެގެން ކަންކަން ކުރާ މީހަކާއި، އަމިއްލައަށް އެހެން މީހުންނަށް ކަންކަން ކުރުމަށް އަންގާ މިހާކާއި ވަރަށް ތަފާތު. އެހެން ކަމުން ދައުލަތުގެ ވެރިޔަކަށް ހުންނަ މީހާއަކީ، އެއީ އެހެން މީހުންގެ މައްޗަށް އަމުރު ހިންގާ މީހަކަށް ވާންޖެހޭނެ."
ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، ޑރ. މުއިއްޒަކީ ރައީސް ޔާމީން އެންޑޯސް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެހެން ކަމުން އެ ނިންމުމާއި ދޭތެރޭ ބަޔަކު އެއްޗެށް ބުނަންޖެހޭ ޖާގައެއް ނެތް ކަމަށެވެ.
"ޑރ. މުއިއްޒު އާއި އެކު ދެ ސަރުކާރެއްގައި ކެބިނެޓްގައި މަސައްކަތްކުރެއްވިން. އެހާ ހީވާގި މުރާލި އިލްމީ ބޭފުޅެއް އެ ސަރުކާރުގެ ކެބިނެޓްގައިވެސް ނުހުންނަވާނެ. ވަރަށް ކެރިގެން މި ދަންނަވަނީ. ވިލާތުން ޕީއެޗްޑީ ހައްދަވާފަ ރައީސް ޔަމީން އެންޑޯސް ކުރެއްވީމާ ދެން ނުޖެހޭ ޗުކްޗުކް ލައްވާކަށް."
މީގެ އިތުުރުން، ޢިލްމަށް އިހުތިރާމްކުރުމުގެ ގޮތުންވެސް، ރައްޔިތުން މުއިއްޒުގެ ފަހަތުގައި ނުކުމެ، "ދިވެހީންގެ ރާއްޖެ" ދިވެހިންނަށް ހޯދަދޭންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

