ރާއްޖެއަށް އަދަށް ވުރެ ފަހި، މިނިވަންކަމާއި އެކު އުޅެވޭ ގައުމެއް ގެނައުމަށްޓަކާ އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށައި، މި ހިނގާ ސަރުކާރު އައިފަހުން، ރާއްޖޭގގެ ޚާރިޖީ ސިޔާސަތު ވަނީ، މި ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބުގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ޑރ. މުހައްމަދު މުޢއިްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިންހުވަދޫ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން ފުވައްމުލަކުގައި މިރޭ ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ޚާރިޖީ ސިޔާސަތުވަނީ، އަމިއްލަ ވަންތަކަމެއް ނެތް ހިސާބަށް ގޮސްފައި ކަމަށާއި މިއީ ކަންބޮޑުވެ ވިސްނާލަން ޖެހޭ ކަމެއް ކަމުގައެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އެބޭފުޅުންގެ ސަރުކާރެއްގައި ގައުމުގެ ޚާރިޖީ ސިޔާސަތަކީ ވަކި ކޮޅަކަށް ނުޖެހި، ވަކި އެއްގައުމަކަށް ބުރަވެފައި ވާ ސިޔާސަތަކަށް ވެފައި އޮންނަ އޮތުން ނިމުމަމަކަށް ގެންނަ ސަރުކާރަކަށް ވެގެން ދާނެ ކަމަށެވެ. އަދި އެބޭފުޅުންގެ ސަރުކާރެއްގައި، ހުރިހާ ގައުމުތަކަކާއި އެކީގައިވެސް ގުޅުން ބާއްވާ، ރާއްޖެއަށް އިސްކަންދީ ރާއްޖޭގެ ތަރައްގީއާއި ކުރިއެރުން އެއާއި ގުޅޭ ނަމަ، ހުރިހާ ގައުމުތަކެއްގެ ކަންތައްތަކުގައި ބައިވެރިވެ ގުޅުން ދަމަހައްޓާނެ ސަރުކާރަކަށް ވެގެން ދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ތަރައްޤީ ހާސިލްކުރުމަށްވެސް މަސައްކަތްކުރެވިދާނެ. އަޅުގަނޑުމެންނަށް ގައުމަށް އެކިކަހަލަ ކުރިއެރުން ގެނައުމަށްވެސް މަސައްކަތްކުރެވިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންތައްތައް ގޮސްގެން ނުވާނެ. އެހެން ކަމުން އެ މިނިވަންކަން ގެއްލުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ ގޮތް ނިންމަން. އަޅުގަނގަޑުމެންގެ ޚާރިޖީ ސިޔާސަތަކީ ވަކި ކޮޅަކަށް ނުޖެހި، ވަކި އެއްގައުމަކަށް ބުރަވެފައި ވާ ސިޔާސަތަކަށް ވެފައި އޮންނަ އޮތުން ނިމުމަމަކަށް ގެނައުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތަކަމެއް.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އަބަދުވެސް އިސްކުރާނީ ގައުމާއި، ގައުމުގެ މަސްލަހަތާއި މިނިވަންކަން ކަމަށެވެ. އަދި ގައުމުގެ ކަންތައްތަކުގެ ތެރެއަށް އެހެން ގައުމަކަށް ވަދެވިގެން ނުވާނެ ކަމަށާއި، ރާއްޖޭގެ މަސަލަހަތައް ބަސް ނުބުނެ، ގައުމުގެ ތަރައްގީއަށް އިސްކަންދޭ ކޮންމެ ބަޔަކާއި އެކު އެބޭފުޅުންގެ ސަރުކާރެއްގައި ހާރިޖީ ގުޅުން އޮންނާނެ ކަމަށެވެ.

