އަންނަ ސެޕްޓެމްބަރ މަހުގެ ނުވަަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ދިމާކޮށް، ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދޭ ކަަމަށް ތުޙުމަތުކޮށް، އެ މައްސަލަ ބަލައިދިނުމަށް އެދި މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދި ލެއްވުމަކަށް ފުލުހަށް ހުށަހަޅާފައިވާ ކަަމަށް، މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މަޖިލީސް މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލުތައް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެކަން ބައްލަވާ ދެއްވުމަށް އެދިވަޑައިގެން ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ އެންގެވުމަކަށް މިފަދަ މައްސަލައެއް ހުށަހެޅުނުއިރު، އެމަނިކުފާނު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ލަދެއް ނެތި، ބިރެެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލީސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތުދެމުންދާ ކަަމަށް ވިދާޅުވެފައެވެ.
މި ތުހުމަތުކޮށްފައިވަނީ ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އިސްވެ ތިއްބަވާ އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީން ބައެއް މެމްބަރުން ވަކިވެ އަލުން އެމްޑީޕީއާ ގުޅިފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ރޭ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި މި ފަހުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ޝިޔާންއަކީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި 12 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް މެމްބަރުންގެ ތެރެއިން މެންބަރެކެވެ. މި ފަހަކާ ޖެހެންދެން ވެސް ޝިޔާން ހުންނެވީ ނަޝީދާއެކުގައެވެ.

