އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާއި ވާދަކޮށްލެވޭ ވަރުގެ އެންމެ ކެންޑިޑޭޓްއެއްވެސް ނެތް ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް އިއްޔެ، އދ. ހަންޏާމީދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، އިންސާނީ ރޫހާއި، ސިޔާސީ ރޫހު އަދި އިޖްތިމާއީ ރޫހަށް ބެލިނަމަވެސް އެބޭފުޅާއި އެއްވަރަށް ރައްޔިތުންނާއި ގައުމަށް ހިދުމަތްކޮށްދެއްވި އަދި ޚިދުމަތްކޮށްދޭ ބޭފުޅަކު މި އިންތިހާބުގައި ވާދަނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، ކޮންމެ ބަޔަކުވެސް އެބައެއްގެ އަތޮޅަށް ނުވަތަ ރަށަށް ނިސްބަތްވާ ނުވަތަ އާއިލާއަށް ނިސްބަތްވާ ފަރާތެއް ވެރިކަމަށް އައިސްފިނަމަ އުފާވާނެ ކަމަށާއި ނަމަވެސް، ގައުމަށް އެންމެ އަމާނާތްތެރިކަމާއި އެކު ޚިދުމަތްކޮށްދެޭނީ ކާކުކަމާއި މެދު ރައްޔިތުން ރަނގަޅަށް ވިސްނާލަން ޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ތާރީހުގައި ކަންތައްތައް ހިނގާފައިވާ ގޮތްތަކަށް ސަމާލުކަން ދީ ވިސްނާލުމަށްފަހު، ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާއަށް ވޯޓު ދިނުމަށް ގާސިމްވަނީ ގޮވާލާފައެވެ.

