ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި، ހާފިޒުންނާއ، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވެންސް މިހާރު ދޭ ވަރަށްވުރެ ދެ ގުނަ އިތުރުކޮށްދޭނެ ކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.
ރޭ ފުވައްމަުލަކު ސިޓީގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަަމުން މުއިއްޒު ވިދާޅުވީ، ހާފިޒުންނާއި އެކަނިވެރި މައިންނަށް މިހާރު ދެމުންދާ އިނާޔަތް ބޮޑުވާންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައެވެ. އެގޮތުން، އެކަނިވެރި މައިންނާއި ބަފައިންނަށް ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެންމެ އެކަށީގެންވާ ވަރުގެ ކަމެއް ކުރެވޭ އެލަވަންސެއް ނޫން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މިހާރު ސަރުކާރުން ހާފިޒުންނަށް ދޭ އެލަވަންސްއަކީ 2000 ރުފިޔާއެވެ. އަދި، އެކަނިވެރި މައިންނަށް ދެމުންގެންދަނީ 2000 ރުފިޔާގެ އެލަވަންސެކެވެ.
މީގެ އިތުރުން، އެންމެ އިމާމަކު ކޮންމެ މިސްކިތެއްގައި ހުންނާތީ އިމާމުންގެ ކަންބޮޑުވުން މުޢިއްޒުއާއި ހިއްސާކޮށްފައި ވާކަމަށާއި، ސަލާން ބުނަން ޖެހުނުކަމުގައި ވިޔަސް، ދެވަނަ އިމާމަކު ނުހުންނާތީ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް އެބޭފުޅުން ވިދާޅުވެފައިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
“މިސްކިތްތަކަށް ދޭންޖެހޭ ސަމާލުކަން އަޅުގަނޑުމެންގެ ސަރުކާރެއްގައި ދެވޭނެ. މިސްކިތްތަކުގައި އަބަދުވެސް އެ ކަމަށް ހާއްސަކުރެވިފައި ހުރި ނަމާދުކުރެވޭ މުދިމަކު، އިމާމަކު ހުންނަން ޖެހޭނެ،”
ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ވާދަކުރަން ނިންމި އެންމެ މުހިންމު އެއްކަމަކީ، ރައްޔިތުންގެ މެދުގައި ހަމަހަމަ ކަން އުފައްދައި، އުފާވެރި މިނިވަން ގައުމެއް ދިވެހީންނަށް ހޯދައިދިނުމަށް ކަމަށެވެ.

