އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުން، ކާމިޔާބުވެއްޖެނަމަ، އެންމެ ކުދި ވިޔަފާރިތަކުން ނަގާ ޓެކްސް ނުނަންގަވާނެކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޢުމަރު މިހެން ވިދާޅުވީ، ވިލިމާލޭގައި ބޭއްވި ނެއިބަހުޑް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، އެބޭފުޅާގެ ވެރިކަމެއްގައި ދައުލަތަކީ ރައްޔިތުންނަށް ބުރައަކަށް ނުވާނެ ކަމަށާއި، އަދި ރާއްޖެ އިގްތިސާދީ ގޮތުން، މުޅިން އާ މިސްރާބަކަށް ގެންގޮސްދޭނެ ކަމަށެވެ.
އެގޮތުގެ މަތީން އެންމެ ކުދި ވިޔފާރިތަކުން މިހާރު ނަގަމުން އަންނަ ޓެކްސް ނުނަންގަވާނެ ކަމަށާއި، އެގޮތުން ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމްކޮށްދީ، އެފަދަ ކަންތަކަށް އާ ގާނޫނުތަކެއް ހައްދަވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
“މި ޤައުމުގެ އިޤްތިސާދު މުޅިން އެހެން ހިސާބަކަށް އަޅުގަނޑު ހިއްލާލާނަން. ޓްރާންޝިޕްމަންޓް ބަނދަރު އަޅުގަނޑު ހަދާނެ. މިހިރަ ކުދިކުދި ފިހާރަތަކަކުން ޓެކްސްއެއް ނުނަގާނެ އަޅުގަނޑުގެ ވެރިކަމަކުއެއް. މި ކުދިކުދި ފިހާރަތަކުގެ ޓެކްސްއެއް އަޅުގަނޑު ކަނޑާލާނެ. ދައުލަތަކީ މީހުންނަށް ބުރަވާ އެއްޗަކަށް އަޅުގަނޑު ނަހަދާނެ. ޤަވައިދުތަކާއި އެއްޗެހި އަޅުގަނޑު ބަދަލުކުރާނެ.” ޢުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ މަގުތައް އަމާންވެގެން ދާނެ ކަމަށާއި، އަދި ގައުމުގައި ތިބޭ ކަމަށް ބުނާ ބިދޭސީ ސިފައިންގެ މައްސަލައަށްވެސް ހައްލުގެނެސް ދެއްވާނެ ކަމަށާއި، މިހުރިހާ މައްސަލަތަކެއްގެ ހައްލު ގެނެސްދެވޭނީ އުމަރުއަށް ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

