ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ހުވަދޫ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ތިނަދޫއަށް ވަޑައިގެން މިރޭ ކުރިއަށް ދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ތިނަދޫ ހުރިހާ ރައްޔިތުންވެސް ރަށް އިސްކުރަންޖެހޭކަމަށާއި، ނަތީޖާ ނެރެވޭނެ ބަޔަކީ ކޮބައިތޯ ބައްލަވަންޖެހޭ ކަމަށެވެ.
އަދި ރާއްޖޭގެ މުސްތަޤުބަލު ބަދަލުކޮށްލުމަށް އެބޭފުޅާއާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އިތުބާރުކުރެއްވުމަށް ޑރ.މުޢިއްޒު އެދިވަޑައިގެންނެވިއެވެ.
މިރޭ ކުރިއަށް ދާ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ތިނަދޫ ބިން ހިއްކުމާއި، މަގުހެދުމާއި، އިސްލާމީ މަރުކަޒު ފަދަ އެތައް މަޝްރޫޢެއް ހިންގަވައި ތިނަދޫގެ ތަރައްޤީއަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރައްވައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ކަމުގައެވެ.
މީގެ އިތުރުން، ރައީސް ޔާމީނުގެ ވެރިކަމުގައި ތިނަދޫގައި ޤާއިމުކުރެވިފައިވާ އިންފްރަސްޓްރަކްޗާއާއި ޚިދުމަތްތަކަށް ބަލާއިރު، ސިޓީއަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް އެ ރަށުގައި ޤާއިމުކުރެވިފައިވާކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން، މުހިއްމީ ޚިދުމަތް ދެވޭނެ ގޮތް އޮތުމާއި، ތަރައްޤީގެ ރާސްތާގައި ކުރިއެރުން ހޯދިފައިވުމާއި ތަރައްޤީގައި ކުރިއަށްދިއުމުގެ ޤާބިލުކަން އޮތުންކަ މަށާއި، އެބޭފުޅާގެ ވެރިކަމެއްގައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ސަރުކާރުން، ތިނަދޫގައި ކޯލްޑް ސްޓޮރޭޖު ޤާއިމުކުރުމަށް ބިން ހިއްކަން ފަށާފައިވާއިރު އެ މަސައްކަތުގެ ދުވެލީގެ ލަސްކަން ފާހަގަކުރައްވައި އެ މަސައްކަތް އިތުރަށް ފުޅާކުރައްވައި ބާރު ދުވެލީގައި މަސައްކަތް ގެންދަވައި އެބޭފުޅާގެ ވެރިކަމަށް ހޮވިއްޖެނަމަ، ނިންމަވައިލައްވާނެ ކަމަށްވެސް މުިއްޒު ވިދާޅުވިއެވެ.
އަދި 19 ޗެޕްޓަރގެ މައްޗަށް ނެރުނު މުިއްޒުގެ މެނިފެސްޓީގައި، މަސްވެރިކަމުގެ ގޮތުން ބޭނުންވާ ކަންކަން ހިމެނޭ އެ ސިޔާސަތުތަކުގެ ފޮނިކަން އެންމެ ބޮޑަށް ލިބޭ އެއް ތަނަށް ތިނަދޫވާނެ ކަމުގައި ވެސް މުއިއްޒު ވިދާޅުވިއެވެ.

