ގދ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ނުވަތަ ބަދަލު ކުރުމަށް އަދި މިހާތަނަށް އެއްވެސް ލިޔެކިޔުމަށް ސަރުކާރުން ނުލިބޭ ކަމަށް ތިނަދޫ ކައުނަސިލްގެ ރައީސް ސައުދު ޢަލީ ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ މި ދުވަސްކޮޅުން ތިނަދޫ ކައުނަސިލްގެ ބޭރު ފާރު ރީތި ކުރުމާއި އާ ނަން ބޯޑު ހެދުމުގެ މަސައްކަތް ކުރަމުން ދާތީ ސޯޝަލް މީޑިއާ ގައި ތިނަދޫ ކައުނަސިލްގެ ނަން “ތިނަދޫ ސިޓީ” ގެ ނަމަށް ބަދަލުކުރަން ތައްޔާރު ވަމުން ދާ ކަނަށް ބުނެ ދެކެވޭ ވާހަކަ ތަކާ ގުޅިގެން “ހުވަދޫ މީޑިއާ” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސައުދު ޢަލީ ވިދާޅުވީ އެ އޮފީހުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ސިޓީ ނަން ބޯޑެއް ބެހެއްޓުމަށް ވަމުންދާ ތައްޔާރީ އެއް ނޫން ކަމަށާއި އެއީ ކައުންސިލްގައި ކުރިން ހުރި ނަން ބޯޑު ޒަމާނީ ބަދަލަ ކާ އެކު އާ ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ތިނަދޫ ސިޓީ އަކަށް ބަދަލު ކުރުމަށް ނުވަތަ ދަރަޖަ ދިނުމަށް ނިމި އެކަމަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެށް އަދި މިހާ ތަނަކަށް ކައުންސިލަށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވެފައިވާ ވާއިރު ތިނަދޫ ކައުނަސިލްގެ މެމްބަރު އަހުމީމާ އަހުމަދު ވަނީ ރޭ ތިނަދޫގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ ގެ ކެނޑިޑޭޓް ޑރ މުއިއްޒު ބޭއްވި ޖަލްސާގައި ތިނަދޫ ސިޓީ އަކަށް ހައްދާވާނެ ކަމަށް އަދި ތިނަދޫގައި އެފަދަ އާބާދީ އަކާއި ވަސީލަތްތައް އެބަހުރި ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމުން އެކަން ވަނީ ނިމިފައި ކަމަށް ފޭސްބުކްގައި ވިދާޅުވެފައެވެ.
އަންނަ ރިޔާސީ ދައުރަށް ހޮވި ވަޑައިގެންފި ނަމަ ތިނަދޫ ސިޓީ އަކަށް ބަދަލު ކުރައްވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އާއި ރަނިންމޭޓް ވެސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެން ތިނަދޫ އަށް ދެން ވަޑައިގަންނަވާފަ ފައިބާ ވަޑައިގަންނަވާނީ ތިނަދޫ އަށް ސިޓީ އެއްގެ ދަރަޖަ ދެއްވާ ފައި ކަމަށް އެންމެ ފަހުން ތިނަދޫ އަށް ކުރެއްވި ދަތުރުފުޅު ގައި ތިނަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ޖަލްސާ ގައި ވިދާޅުވެފައިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިނަދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
ތިނަދޫ ސިޓީ އަކަށް ބަދަލު ކުރެވޭ ތޯ ކައުންސިލްގެ މެމްބަރުންނާއި ރައީސް ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންކަން ފާހަގަ ކުރެވެއެވެ.

