އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރާ، ވޯޓު ކަރުދާސްތައް، އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މާދަމާ ފައްޓަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތަކަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާހާއި އިތުރު ސާމާނުތައް ސަލާމަތާއި ރައްކާތެރިކަމާއެކު ރަށްރަށަށް ފޮނުވާނީ ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާ އެކު ކަމަށެވެ.
އެންމެ ފުރަތަމަ ވޯޓު ކަރުދާސްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ އުތުރުގެ އަތޮޅުތަކަށް ކަމަށާއި، އޭގެ އަނެއް ދުވަހު، ދެކުނުގެ އަތޮޅުތަކަށް ވޯޓް ކަރުދާސް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
އެގޮތުން، އަންނަ އަންގާރަ ދުވަހު ދެކުނު އަތޮޅުތަކުގެ ކައުންސިލަށާއި، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ކައުންސިލަށް ފޮނުވަން ޖެހޭ ތަކެތި ފޮނުވާނެ ކަމަށާއި، ރަށު ކައުންސިލްތަކަށް ފޮނުވަން ޖެހޭ އިންތިހާބާ ގުޅޭ ސާމާނުތައް ފޮނުވާނީ އަންނަ ބުދަ ދުވަހު ކަމަށް ވެސް ހަބީބު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމެއް ޤާއިމްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށެވެ.
ޤާނޫނުގައި އޮންނަގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282395 މީހަކަށް ލިބިފައިވެއެވެ. މީގެތެރެއިން 27000 އަށްވުރެ ގިނަ މީހުންނަކީ މިފަހަރުގެ އިންތިޚާބުގައި އަލަށް ވޯޓުލާ މީހުންނެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި މިފަހަރު 574 ފޮށި ބަހައްޓާނެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ. އަދި މިއިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަންދޫބުންގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް 1،700 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެއެވެ.

