އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރުއަށް މަރުގެ އިންޒާރު ދީފިއެވެ.
އުމަރުގެ ކެމްޕެއިން ޓީމްއިން މީސްމިޑިއާގައި ހާމަކޮށްފައިވާ ގޮތުގައި މިފަހަކަަށް އައިސް އުމަރު އަށް މަރުގެ އިންޒާރު އަންނަނީ ވަރަށް ގިނައިން ލިބެމުންނެވެ.
އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ބޭއްވި ސައިކަލްބުރެއްގައި ވެސް މީހަކު ވަނީ ދަގަނޑު އެއްޗެއް ބޭނުންކޮށްގެން އުމަރުއަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައެވެ.
އެގޮތުން އުމަރުއަކީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މަސްތުވާތަކެއްޗާއި ގޭންގެ ތަކާއި ދެކޮޅަށް ވާހަކަ ދައްކަވާ އެއްފަރާތެވެ. އެގޮތުން އުމަރުގެ ސަރުކާރެއްގައި، ރާއްޖޭގެ މަގުތައް އަމާންވާނެ ކަމަށާއި، ރާއްޖެއިން މަސްތުވާތަކެތި ފުހެލައްވާނެ ކަމަށް އުމަރު ވިދާޅުވެފައި ވެއެވެ.
އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެކެވެ. މިފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

