ޑރ. މުޢިއްޒަކީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި، ދީނީ ހަމަތަކުގެ މަތިން ކަންތައްތައް ކުރައްވާނެ ބޭފުޅެއް ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ގއ. ވިލިގިލީގައި މިރޭ ކުރިއަށްދާ ޑރ. މުއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، މުޢިއްޒުއަކީ ދިވެހި ރާއްޖޭގެ ގައުމީ ބަހާތައް ހިފަހައްޓާ ރާއްޖޭގެ މިނިވަންކަން ހިފަހައްޓާނެ ބޭފުޅެއް ކަމަށާއި އެގޮތުން، ގާނޫނު އަސާސީގައި ބަޔާވެފައިވާ އިސްލާމްދީނުގެ މަތިވެރި، ހަމަތައް ދިވެހި ރާއްޖޭގައި ދަމަހައްޓަވާނެ ބޭފުޅެއްކަމަށެވެ.
އަދި މި ގައުމު އަމާން ބަނދަރަކަށް ގެންދިޔުމަކީ މިއަދުގެ ޖީލުގެ މައްޗަށް އޮތް ވަރަށް މަތިވެރި މަސްޢޫލިއްޔަތެއް ކަމަށާއި އަދި ގައުމަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލުހޯދުމަކީ ކުރައްޖެހިފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، މިއަދު ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަކީ އިލްމީ ހަމަތަކުގެ މަތީންނާއި ދިރާސީ ގޮތުން ބަލައި ހައްލު ހޯދަަދޭންޖެހޭ ކަމެއް ކަަމަށާއި، އެއީ ބޯހިޔާވަހިކަމުގެ މައްސަލައާއި އަދި އިޖުތިމާއީ ގޮތުން ހުންނަ އެހެނިހެން މައްސަލަތައް ނަމަވެސް އެކަންތައްތަކަށް ހޯދަދޭންޖެހެނީ ދާއިމީ ހައްލެއް ކަަމަށް ޝަހީމް ވިދާޅުވިއެވެ.
އެގޮތުން ދިވެހި ރާއްޖޭގެ ޒަޢާމަތަށާއި މި ޒަމާނުގެ ތަޢުލީމާއި އަދި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ މީހުން ގައުމުގެ އިސް ސަފަށް އަންނަން ޖެހޭ ކަމަށާއި، އަދި އެ ހުރިހާ ކަމަކަށް އެންމެ އެކަށީގެންވާ ބޭފުޅާއަކީ ޑރ. މުހައްމަދު މުއިއްޒު ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެގޮތުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ސިޔާސީ ގޮތުންނާއި، ތައުލީމުގެ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރުވެސް ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާއަކީ މުއިއްޒު ކަަމަށް ޝަހީމް ވިދާޅުވިއެވެ.
“މިއަދު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ އިއްޒަތްތެރި ބޭފުޅުންގެ ތެރޭގައި، ދުނިޔެއަށް މި އަންނަމުންދާ އިޖްތިމާއީ ސިޔާސީ އަދި އިޤްތިސާދީ ބަދަލުތަކުގެ ކުރިމަތީގައި ދިވެހި ގައުމު އަމާން ބައްރަކަށް ގެންދިޔުމުގެ ޢިލްމީ ޤާބިލިއްޔަތުކަމާއި ތަޖުރިބާގެ ފުންކަމާއި، މިހުރިހާ ކަމެއްގެ ގޮތުން ބަލާއިރުގައި އެންމެ ރަނގަޅު ކެންޑިޑޭޓްއަކީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒުކަމާއި މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން.”
މީގެ އިތުރުން ދިވެހި ރާއްޖޭގެ ހުރިހާ ޒުވާނުންނަށް، ކިބައިން އެދޭ އެދުމަކީ، ނުވައެއް ސެޕްޓެމްބަރުގައި އަޅާ ވޯޓުގައި އެންމެހާ ބޭފުޅުން މުއިއްޒުއަށް ވޯޓު ދެއްވުމަށް ކަމަށައި، ސަބަބަކީ، މުއިއްޒުއަކީ، ރާއްޖޭގެ އެންމެ ތައުލީމީ ގޮތުން ގާބިލް ބޭފުޅަކަށް އެންމެ ފުރަތަމަ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާ ބޭފުޅާކަށް ވާތީ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

