މާޒީގައި ކަންތައްތައް ހިނގާފައިވާ ގޮތައް ބަަލައި، ރާއްޖެއަށް އަމާން ދުވަސްތަކެއް ގެނައުމަށްޓަކައި، ރައްޔިތުން ކިބައިން އެދޭ އެދުމަކީ، ޢިލްމީ ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ހަވާލުކުރުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެދިވަޑައިގެންފިއެވެ.
ގއ. ވިލިގިލީގައި މިރޭ ކުރިއަށްދާ ޑރ. މުހައްމަދު މުޢިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، މުޢިއްޒުއަކީ ރައީސް ޔާމީންގެ ޓީމްގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ ގާބިލް ބޭފުޅާ ކަމަށާއި، އެބޭފުޅާއަކީ ގައުމީ ބަހާތައް ހިފަހައްޓާ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަވާނެ ބޭފުޅެއްކަމަށެވެ.
“އެމަނިކުފާނަކީ ރާއްޖޭގެ ގައުމީ ބަހާތައް ހިފައްހައްޓަވާނެ ބޭފުޅެއް. އެމަނިކުފާނަކީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަވާނެ ބޭފުޅެއް. އެމަނިކުފާނަކީ އެއީ ގާނޫނު އަސީސީގައި ބަޔާންވެފައިވާ އިސްލާމް ދީނުގެ ހަމަތައް ދިވެހިރާއްޖޭގައި ދަމަހައްޓަވާނެ ބޭފުޅެއް. އެމަނިކުފާނަކީ މި ގައުމު އެތުރިފައި މިއޮތް މެދުމިން ކަމުގެ އިސްލާމް ދީނުގެ ހަމަތަކުގެ މައްޗަށް ގައުމީ ހަޟާރަތު އާ އުސްމިނަކަށް ގެސްގޮސް ދެއްވާނެ ބޭފުޅެއް.” ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، މަޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބުރަތް ހާސިލްކުރަންޖެހޭ ކަމަށާއި، އަދި މިއީ، އާ ހިތްވަރަކަާއި އެކު ތެދުވެ، ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ވަގުތު ކަަމަށެވެ.
އަދި، މާތް ﷲގެ ރަހުމަތްފުޅުން، އަންނަ ސެޕްޓެމްބަރ މަހުގެ ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށާއި، އެބޭފުޅާއަކީ، ޒުވާނުންގެ އިހުސާސްތަކާއި ޒުވާނުންގެ ވަޒީފާތަކާއި ބެހޭ ކަންތައްތަކާއި، ޒުވާނުންގެ ތައުލީމާއި ޒުވާނުންގެ އުންމީދުތަކާއި، މިހުރިހާ ކަމަކަށް އެންމެ ރަނގަޅު ހައްލެއް ހޯޅދައިދެވޭނެ ފަރާތްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
“މާޒީގައި ކަންތައްތައް ހިނގާފައިވާ ގޮތްތަކުން އިބުރަތް ހާސިލްކުރަންޖެހޭ ކަމަށާއި، ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކުރެއްވި މީހެއްގެ ހައިސިއްޔަތުން އެދުވަހުވެސް ދެންނެވިން، ތި ލޮބުވެތި ރައްޔިތުންނަށް އޭރުގެ ޕީޕީއެމްގެ ވެރިކަން ބަދަލުވެގެން ހިނގައްޖެނަމަ މި ގައުމަށް ކުރިމަތިލާންޖެހިދާނެ ކަންތައްތަކެއްގެ ވާހަކަ. ނަމަވެސް އެ ދުވަހުގެ ހާލަތުން ރައްޔިތުން ނިންމެވި ނިންމެވުމަށް މަރުޙަބާ ކިޔަން. ނަމަވެސް މިއަދު މިއޮތީ އަޅުގަނޑުމެން އޭރު ދެންނެވި ހާލަތު ތަޖުރިބާކޮށް އެއިން އިބުރަތް ހާސިލްކޮށް، އާ ހިތްވަރަކާއި އެކުގައި ތެދުވެ، ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި މަސައްކަތްކުރަންވީ ވަގުތު އައިއްސަފައި.”
އެގޮތުން ރައްޔިތުން ކިބައިން އެދެނީ، ނުވައެއް ސެޕްޓެމްބަރުގައި އަޅާ ވޯޓުގައި އެންމެހާ ބޭފުޅުން މުއިއްޒުއަށް ވޯޓު ދެއްވުމަށް ކަމަށާއި، ގައުމުގެ މކިނިވަންކަމާއި ޒުވާނުންނާއި ރާއްޖެއަށް ދިމާވެފައިވާ އެކި ދަތިތަކަށް ހައްލު ހޯދޭނެ ބޭފުޅަކީ ޑރ. މުއިއްޒު ކަމަށާއި، އަދި އެއީ ގައުމާއި ޒުވާނުންގެ ހައްގުގައި ނިންމަންޖެހޭ ނިންމުމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
“މީ ދިވެހި ގައުމަށްޓަކައި އަޅުގަނޑުމެން ނިންމަންޖެހޭ ނިންމުމެއް. މީ މުސަތަގުބަލުގެ ޖީލުތަކަށްޓަކައި ނިންމަންޖެހޭ ނިންމުމެއް. މީ ޒުވާނުންގެ މުސަތަގުބަލަށްޓަކައި ނިންމަންޖެހޭ ނިންމުމެއް. އެމަނިކުފާނަކީ ވަރަށް ޒުވާން ބޭފުޅެއް. ޒުވާނުންގެ އިހުސާސްތަކާއި ޒުވާނުންގެ ވަޒީފާތަކާއި ބެހޭ ކަންތައްތަކާއި، ޒުވާނުންގެ ތައުލީމާއި ޒުވާނުންގެ އުންމީދުތަކާއި، މިހުރިހާ ކަމަކަށް އެންމެ ރަނގަޅު ހައްލެއް ހޯޅދައިދެވޭނެ ބޭފުކީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒު.” ޝަހީމް ވިދާޅުވިއެވެ.

