ގއ. އަތޮޅުގައި އިންޓަނޭޝަލް އެއާޕޯތްއެއް ގާއިމްކޮށް، އެ އަތޮޅުގައި އިންޓަގްރޭޓެޑް ޓުއަރިޒަމްގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ގއ. ވިލިނގިލީގައި އޮތް އެ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ދެކުނު ސަރަހައްދުގެ ތަރައްގީގެ ޕްލޭންގެ އެންމެ މުހިންމު ހިސާބަކީ ހުވަދު އަތޮޅު ކަމަށާއި، އެގޮތުން ތަރައްގީއަށް ކުރައްވާ ގިނަ މަސައްކަތްތަކުގެ ތެރއިން، ހުވަދޫ އަތޮޅުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ގއ.ގައި އޮންނަ ކޫއްޑޫ އެއާޕޯޓަކީ ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކުރެއްވުމާއެކު، ވިލިނގިލީގައި އެ ރަށް ކައިރީ އޮންނަ އެކަފަރު ހިމެނޭ ގޮތަށް ބައިނަލްއަޤުވާމީ އެއާޕޯޓެއް ތަރައްޤީކުރެއްވުމާއި އެކު ހަމަ އެފަރުގައި އިންޓަގްރޭޓެޑް ޓުއަރިޒަމްގެ މަޝްރޫޢެއް ހިންގަވަން ވިސްނުންފުޅު ގެންގުޅުއްވާ ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.
“މިހާރު ކޫއްޑޫގައި އޮތް އެއާޕޯޓު ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް، އަޅުގަނޑުމެންގެ ވިސްނުމުގައި އޮތީ ވިލިނގިލީގައި މިތާ ކައިރީ މިއޮތް އެކަފަރު ހިމެނޭ ގޮތަށް އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް ތަރައްޤީކުރުން”
މީގެ އިތުރުން، އެ ކަންކަމަކީ ރައީސް ޔާމީނުވެސް ގެންގުޅުއްވި ތަސައްވުރެއްކަމަށާއި، އެކަންކަމުގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުގައި ފެށިފައި އޮއްވައި ވެރިކަން ބަދަލުވުމުން ހުއްޓުނީ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި އެކަންކަން ހުއްޓުމާ ހަމައަށް މަސައްކަތް ހިނގާފައިވާ ހިސާބު ބެއްލެވުމުން އެ މަސައްކަތަކީ މިހާރުވެސް ކުރެވިދާނެ ކަމެއް ކަމަށް އެނގިވަޑައިގެންފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ހުވަދޫގެ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައި އޮތް އެއްކަމަކީ ފަތުރުވެރިކަން ކަމުގައި ފާހަގަކުރައްވައި ޑރ.މުޢިއްޒު ވިދާޅުވީ ފަތުރުވެރިކަން އިތުރަށް ފުޅާކުރާނަމަ އިންޓަނޭޝަނަލް އެއާޕޯޓެއް މުހިއްމުވާ ކަމަށެވެ. ހުވަދު އަތޮޅު ދެކުނުބުރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރާ ބީދައިން އެ އަތޮޅުގެ އުތުރު ބުރީގައިވެސް އެފަދަ އެއާޕޯޓެއް ތަރައްޤީކުރުން މުހިއްމުކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.

