ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހެޅި މައްސަލާގައި ޖިނާއީ ތަހުގީގަކަށް ބޭނުންވާ އަސާސީ މައުލޫމާތު ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ރަޖިސްޓްރީކޮށްދެވެން ނެތް ކަމަށް ފުލުހުން އަންގައިފިއެވެ.
ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޑިމޮކްރެޓްސް ޕާޓީން ބައެއް މެމްބަރުން ވަކިވެ އަލުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ފެށި ދަނޑިވަޅެއްގަ އެވެ.
މަޖިލީހުގެ 14 މެމްބަރަކު ޑިމޮކްރެޓްސް އަށް ސޮއިކުރި ނަމަވެސް މަޖިލީހުގެ ޕާޓީތަކުގެ ދަފުތަރުގައި ހިމެނުމަށް މިހާތަނަށް ހުށަހަޅާފައި ވަނީ އެތަނުން އެންމެ ތިން މެމްބަރުންނެވެ. އޭގެ ތެރެއިން ދެ މެމްބަރަކު މިހާރު ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފަ އެެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ޔާސިރާ އެކު އޭރު ޑިމޮކްރަޓްސް އަށް ސޮއި ކުރެއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުން ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ވެސް މަޖިލިސް މެމްބަރުންނަށް ރިޝްވަތުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލާގައި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް އަދި އޭރު މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ހައްޔަރު ވެސް ކުރި އެވެ. ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެ ފަހަރު ފުލުހުންނަށް އެ މައްސަލާގައި ބަޔާން ދިން ކަމަށް އެނގިފައިވެ އެވެ.

