އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޑިޖިޓަލް އައިޑީ ކާޑު ބޭނުން ނުކުރެވޭނެ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑިޖިޓަލް އައިޑީ ކާޑު ވޯޓުލުމަށް ބޭނުން ނުކުރެވޭނެ ކަމަށާއި ނަމަވެސް، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، މުއްދަތު ހަމަނުވާ ދިވެހި ޕާސްޕޯޓު، މުއްދަތު ހަމަނުވާ ޕާސްޕޯޓު ކާޑު، އަދި މުއްދަތު ހަމަނުވާ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭނެ ކަަމަށެވެ.
“މި ހަތަރު ޑޮކިއުމަންޓުން ކުރެ، ކޮންމެވެސް އެއް ޑޮކިއުމަންޓެއްގެ އަސްލު. މި ނޫން އެހެން އެއްވެސް އެއްޗެއް، ވޯޓުލާ މަރުކަޒުން ގަބޫލު ނުކުރާނެ،” ހަބީބް ވިދާޅުވެފައިވެ އެވެ.
ހަބީބު ވަނީ މި ޑޮކިއުމަންޓްތަކުގެ މުއްދަތު ހަމަވެފައިވާ ނަމަ، އަވަހަށް އާ ކުރުމަށް އެދިވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބުގައި ބޭނުންކުރާ، ވޯޓު ކަރުދާސްތައް، އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މާދަމާ ފައްޓަވާނެކަމަށްވެސް އީސީންވަނީ މިއަދު ހާމަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށެވެ.
ޤާނޫނުގައި އޮންނަގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282395 މީހަކަށް ލިބިފައިވެއެވެ. މީގެތެރެއިން 27000 އަށްވުރެ ގިނަ މީހުންނަކީ މިފަހަރުގެ އިންތިޚާބުގައި އަލަށް ވޯޓުލާ މީހުންނެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި މިފަހަރު 574 ފޮށި ބަހައްޓާނެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ. އަދި މިއިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަންދޫބުންގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް 1،700 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެއެވެ.

